ކުޅިވަރު

ސަސް ބަލިކޮށް ޓީސީ ތިންވަނައަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށް ތާވަލުގެ ތިންވަނައަށް ޓީސީ ސްޕޯޓްސް ކުލަބު ޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗު ޓީސީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ޓީސީން ވަނީ ނުރައްކާތެރި ހަމަލާއެއް ސަސްގެ ގޯލަށް ފޮނުވާލާފައެވެ. އެގޮތުން ޓީސީގެ މިސްރު ފޯވާޑް އޮމަރު ސަލާހު ހުސްކޮށްހުރެ ފޮނުވާލި ހަމަލާ ސަސްގެ ކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އޭގެ ފަހުން ސަސްގެ ރިހާމް އަބްދުލް ޣަނީ (ބޮބީ)އަށްވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ހުސްކޮށްހުރެ ބޮބީ ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

އެކަމަކު މެޗުގެ 22 ވަނަ މިނެޓުގައި ޓީސީގެ އައިހަމް ހަމްދޫން ވަނީ ލަނޑު ޖަހާ ލީޑު ނަގައިދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަސްއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި މި ލަނޑު ސަސްއަށް ކާމިޔާބު ކޮށްދިނީ ޔަސްފާދު ހަބީބް (މުލަކޭ)އެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 64 ވަނަ މިނެޓުގައި ޓީސީން ވަނީ އިތުރު ލަނޑެއް ޖަހާ އަލުން ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުޙައްމަދު މުސްލިހް (މުއްޓި)އެވެ.

މި ނަތީޖާއާއެކު ލީގު ތާވަލުގެ ތިންވަނަ އަށް ޓީސީ ޖެހިލީ ކުޅުނު 12 މެޗުން ހޯދި 17 ޕޮއިންޓާއެކުގައެވެ. މި މެޗުން ބަލިވި ސަސް އޮތީ ކުޅުނު 12 މެޗުން ލިބުނު 14 ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތަރުވަނައިގައެވެ.