އަތޮޅުތެރޭގެ 5 ރަށެއްގެ ސްކޫލަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން 4 ކުންފުންޏަކާ ހަވާލުކޮށްފިއެވެ. 
އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ 4 ކުންފުންޏަކާއެވެ. އެއީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް، އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޕަވަރޭ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއެވެ.
މީގެ ތެރެއިން ގދ. ހޯނޑެއްދޫ ސްކޫލް އާއި މ. ނާލާފުށި ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ  ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އަހުމަދު ރިޔާޒްއެވެ. އަދި ޕަވަރޭ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ އަބްދުﷲއެވެ. މި އެއްބަސްވުމުގެ ދަށުން ގދ.ހޯނޑެއްދޫ ސްކޫލްގައި 2 ކުލާސްރޫމާއި ލެބެއްގެ އިތުރުން އައި.ސީ.ޓީ އިމާރާތް ކުރުމުގެ މަސައްކަތްވަނީ ހަވާލުކޮށްފައެވެ. އެ ކުންފުނީގެ ފަރާތުން މި މަސައްކަތަށް ހުށަހަޅާފައިވަނީ ހަމިލިއަން ހަލައްކަ ފަސްދޮޅަސް ތިންހާސް ހަތްސަތޭކަ ހަ ރުފިޔާ ނުވަދިހަ ދެލާރިއެވެ. 
ސޮއިކުރެވުނު މިއެއްބަސްވުމުގެ ދަށުން މ. ނާލާފުށި ސްކޫލްގައި 2 ބުރި އިމާރާތެއް އެޅުމަށްވަނީ ހަމަޖެހިފައެވެ. އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ ހަތްމިލިއަން ހަލައްކަ ފަސްދޮޅަސް ފަސްހާސް ނުވަސަތޭކަ ނުވަދިހަ ނުވަ ރުފިޔާ ތޭވީސް ލާރިއެވެ.
މި 2 ސްކޫލްގެ މަސައްކަތް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއްވަނީ ކަނޑައަޅާފައެވެ. 
		
										
			މ. މުލަކު ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއިމް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ. މި އެއްބަސްވުމުގައި އެއިމް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ ޝަމްސުﷲ ފަޒީލްއެވެ.
 
މި އެއްބަސްވުމުގެ ދަށުން މުލަކު ސްކޫލްގައި 3 ބުރި އިމާރާތުގެ މަސައްކަތްވަނީ ހަވާލުކޮށްފައެވެ. އެކުންފުނީގެ ފަރާތުން މިމަސައްކަތަށް ހުށަހަޅާފައިވަނީ  ނުވަމިލިޔަން ފަންސާސް ދެހާސް ފަސްސަތޭކަ ހަތްދިހަ ފަސް ރުފިޔާ ހަތާވީސްލާރިއެވެ.  އަދި މި މަސައްކަތް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއްވަނީ ކަނޑައަޅާފައެވެ.
		
										
			ށ. ނޫމަރާ ސްކޫލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ. މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މުޒްހިންއެވެ.
     
މިއެއްބަސްވުމުގެ ދަށުން ނޫމަރާ ސްކޫލްގައި 4 ކްލާސްރޫމް އިމާރާތުގެ މަސައްކަތްވަނީ އެކުންފުންޏާ ހަވާލުކޮށްފައެވެ. އެ ކުންފުނިން މިމަސައްކަތަށް ހުށަހަޅާފައިވަނީ ހަތަރުމިލިޔަން ހަސަތޭކަ އަށްޑިހަ އެއްހާސް ތިންސަތޭކަ އަށްޑިހަ ފަސްރުފިޔާ ފަންސާސް ނުވަލާރިއެވެ. އަދި މި މަސައްކަތް 109 ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ކަނޑައަޅާފައެވެ. 
		
										
			ގއ. މާމެންދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްއާއެވެ. މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ ޝަނީޒްއެވެ. 
މި އެއްބަސްވުމުގެ ދަށުން މާމެންދޫ ސްކޫލްގައި 2 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތްވަނީ އެކުންފުންޏާ ހަވާލުކޮށްފައެވެ. މި މަސައްކަތަށް އެ ކުންފުނިން ހުށަހަޅާފައިވަނީ 2,371,136.89ރ އެވެ. އަދި މިމަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށްވަނީ ކަނޑައަޅާފައެވެ. މިއީ ޖަޕާން އެއިޑް ގެ ދަށުން ކުރިއަށްދާ ޕްރޮޖެކްޓެކެވެ.
 
މީގެއިތުރުން ބައު ޖަމާލުއްދީން ސްކޫލް އިމާރާތް ތަޅާލުމުގެ މަސައްކަތްވެސް މިނިސްޓްރީން ވަނީ އެކުންފުންޏާ ހަވާލުކޮށްފައެވެ. އެގޮތުން މިމަސައްކަތައް އެ ކުންފުނިން ހުށަހަޅާފައިވަނީ 2,491,000ރ އެވެ. އަދި 75 ދުވަހުގެ މުއްދަތެއްގައި މިމަސައްކަތް ނިންމާ ގޮތަށްވަނީ ކަނޑައަޅާފައެވެ. 
އެޑިއުކޭޝަން މިނިސްޓްރީން ކުންފުނިތަކާއި ހަވާލުކުރެވިގެންދިޔަ މިމަސައްކަތްތަކަކީ، ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓްގެ ދަށުން ކުރިއަށްގެންދާ ޕްރޮޖްކެޓްތަކެކެވެ.