ދުނިޔެއިން ބޭނުންވަނީ ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން ބަލިކުރަންކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓުރޫޑޯ ވިދާޅުވެއްޖެއެވެ.
ޔޫކްރެއިނުގެ ވެރިރަށް ކިޔޭވަށް ވަޑައިގެން އެ ޤައުމުގެ ރައީސް ވޮލޮދީމީރް ޒެލެންސްކީއާ ބައްދަލުކުރެއްވުމަށްފަހު ޓުރޫޑޯ ވިދާޅުވެފައިވަނީ ޕުޓިން ކުރައްވަނީ ޣައިރުޤާނޫނީ ހަނގުރާމައެއްކަމަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ހަނގުރާމަ ކާމިޔާބުވިޔަ ނުދޭނެކަމަށެވެ. އަދި ހަނގުރާމައިން ބަލިވުން ނޫން ގޮތެއް ޕުޓިންނަށް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުޅަނގުގެ ބާރުތަކުން ރަޝީޔާއާ ދެކޮޅަށް އަޅާފައިވާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ޤައުމަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބެމުންދާކަން ފާހަގަކުރައްވަމުން ޓުރޫޑޯ ވިދާޅުވީ އެ ފިޔަވަޅުތައް އަހަރުތަކަކަށް ދަންމާލަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ތައްޔާރުކަމަށެވެ. އަދި ފާއިތުވި 70 އަހަރުގެ ތެރޭގައި ދުނިޔެއިން ހޯދި ކުރިއެރުމާއި މުއްސަނދިކަމާއި ތަރައްޤީ ޕުޓިންނަށް ގެއްލުވާނުލެއްވޭނެކަމަށާއި އެ ކަމުގެ ފައިދާ ރަޝިޔާއަށް ލިބުނަ ނުދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިނަށް ކުރެއްވި ދަތުރުފުޅުގައި ޒެލެންސްކީއާ ބައްދަލުކުރައްވައި ޓުރޫޑޯވަނީ ކެނެޑާއިން އިތުރު އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަންދެއްވައިފައެވެ. އަދި ކިޔޭވުގައި ހުންނަ ކެނެޑާގެ އެންބަސީ އަލުން ހުޅުވަން ނިންމާފައިވާކަންވެސް ޓުރޫޑޯގެ ދަތުރުފުޅުގައިވަނީ އިޢުލާނުކުރައްވައިފައެވެ.