ޚަބަރު

ހަމަނުޖެހުންތައް ހުއްޓުވަން ލަންކާގެ ސިފައިންނާއި ފުލުހުންނަށް ބޮޑެތި ބާރުތަކެއް


ސުރީ ލަންކާއަށް ކުރިމަތިވެފައިވާ ނާޒުކު އިޤްތިޞާދީ މައްސަލަތަކުގެ ސަބަބުން އެ ޤައުމުގައި ހިނގަމުންދާ ނުރައްކާތެރި ހަމަނުޖެހުންތައް ހުއްޓުވުމަށް އެ ޤައުމުގެ ސިފައިންނާއި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީފިއެވެ.

ސުރީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހަތް މީހުން މަރުވެ 200އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައެވެ. ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ތެރޭގައި ސަރުކާރަށް ނިޞްބަތްވާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއްވެސް ހިމެނެއެވެ. ހަމަނުޖެހުންތައް ބޮޑުވެ ނުރައްކާތެރި ޙާލަތަކަށް ސުރީ ލަންކާ ވެއްޓުމުން އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވަނީ އިސްތިޢުފާދެއްވައިފައެވެ. ނަމަވެސް ޙާލަތަށް ބަދަލެއް އައުމުގެ ބަދަލުގައި ހަމަނުޖެހުންތައް އިތުރަށް ނުރައްކާތެރިވެ ސަރުކާރުގެ އިސްވެރިންނާ މަޖިލިސް މެންބަރުންގެ ގެދޮރާއި މުދަލުގައި ހުޅުޖެހުމުގެ ޢަމަލުތަކެއްވެސްވަނީ ހިންގައިފައެވެ. އޭގެ ތެރޭގައި ރާޖަޕަކްސަގެ އާޢިލާއަށް ނިޞްބަތްވާ ގެދޮރުގައިވެސްވަނީ ހުޅުޖަހައިފައެވެ. އަދި އެތައް ހާސް ބަޔަކު މަހިންދަ ރާޖަޕަކްސަ ހުންނެވި ގެއަށް ޙަމަލާދީފައިވެއެވެ. އެ ޙަމަލާތަކުން ރާޖަޕަކްސަ ސަލާމަތްކޮށް ރައްކާތެރި ސަރަޙައްދަކަށް ގެންގޮސްދީފައިވަނީ ސުރީ ލަންކާގެ އަސްކަރިއްޔާއިންނެވެ.

ސުރީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް އެ ޤައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެ ޤައުމުގެ ސިފައިންނާއި ފުލުހުންނަށް ދެއްވި ބޮޑެތި ބާރުތަކުގެ ދަށުން ކޯޓު ޢަމުރަކާ ނުލައި ނުރައްކާތެރި ޢަމަލުތައް ހިންގާކަމަށް ތުޙުމަތުކުރެވޭ މީހުން ހައްޔަރުކުރެވޭނެއެވެ. އަދި ޢާއްމުންގެ ގެދޮރާއި މުދަލާއި އުޅަނދުތައްވެސް ކޯޓު ޢަމުރަކާ ނުލައި ބަލައިފާސްކުރުމުގެ ބާރުވަނީ ސިފައިންނާއި ފުލުހުންނަށް ލިބިފައެވެ. ސުރީ ލަންކާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވަނީ އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް އަމަން ބަލަހައްޓަން ސިފައިން ނެރެފައިވަނިކޮށެވެ.