ޚަބަރު

މެލޭޝިޔާގައި ދިރިއުޅޭ ދަރިވަރުންނަށް އެސް.އެސް.ސީ އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައިފި


މެލޭޝިޔާގައި ދިރިއުޅޭ ދަރިވަރުންނަށް މެލޭޝިޔާގައި އެސް.އެސް.ސީ އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. މިކަމަށްޓަކައި މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.

މެލޭޝިޔާގައި ދިރިއުޅޭ ދަރިވަރުންނަށް މެލޭޝިޔާގައި އެސް.އެސް.ސީ އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިސްލާމީ ތަރުބިއްޔަތާއި ދިވެހި ބަހަކީ، ދިވެހިވަންތަކަމުގެ އެންމެ މުހިއްމު ދެ ރުކުންކަމަށާއި އެއީ ދިވެހިރާއްޖޭގެ އައިޑެންޓިޓީގެ މުހިއްމު ދެ ތަނބު ކަމަށެވެ.

"މެލޭޝިޔާގައި ކިޔަވަން އުޅޭ ދިވެހި ކުދީންގެ ތެރޭގައި ވަރަށް ތުއްތު އުމުރުން ފެށިގެން މިތަނުގައި ދިރިއުޅެ ބޮޑެތިވާ ކުދީން އެބަތިބި. ދިވެހިރާއްޖޭގައި ނޫޅުނު ކަމުގައިވިޔަސް މިކުދީންނަށް އަޅުގަނޑުމެންގެ ސަގާފަތާ ބަހާއި ދީން އުނގަންނައިދިނުމަކީ މުހިއްމުކަމެއް. އަޅުގަނޑުމެންގެ ދިވެހި ކޮންމެ ދަރިވަރަކީ ބަހާއި ސަގާފަތަށް އަހުލުވެރި އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެ ބޮޑެތިވާ ދަރިވަރުންކަމުގައި ހެދުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް،" މިނިސްޓަރ ވިދާޅުވިއެވެ.

ކުރިޔަށް އޮތް ޖޫންމަހުގެ 1ވަނަ ދުވަހުން ފެށިގެން 6ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެސް.އެސް.އީ އިމްތިޙާނުގައި މެލޭޝިޔާގައި ދިރިއުޅޭ 6 ދަރިވަރަކު ބައިވެރިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މިކަމަށްޓަކައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުގެ ދެ މުވައްޒަފުން ވަނީ އެގްޒަމިނޭޝަން އޮފިޝަލުންގެ ގޮތުގައި ތަމްރީނު ކޮށްފައިކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮންމެ އަހަރަކުވެސް މެލޭޝިއާގައި މި އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިމްތިޙާނަށް ތައްޔާރުވުމަށްޓަކާ ދަރިވަރުންނާ މުދައްރިސުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދޭނެކަމަށެވެ. މީގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ އިސްލާމް އަދި ދިވެހި ޓެކްސްޓް ފޮތްތައް ވެސް މިނިސްޓްރީން ފޯރުކޮށްދޭނެކަމަށް ބުނެފައިވެއެވެ.

މި ރަސްމިއްޔާތު ނިންމާލުމަށް ފަހު މިނިސްޓަރ ވަނީ މެލޭޝިއާގައި ދިރިއުޅޭ ބައެއް ދިވެހިންނާ ބައްދަލުކުރައްވާ، އެ ޤައުމުގައި ތިބި ދިވެހި ކުދިންނަށް އިސްލާމާއި ދިވެހި ކިޔަވައިދިނުމުގައި ދިމާވާ ދަތިތަކާ އަދި އެކަންތައް ޙައްލުކުރުމަށް މިނިސްޓްރީން ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިނިސްޓަރ އާއި މިނިސްޓަރގެ ޓީމް ވަނީ މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ޝާޒޭ ޑި އެފެއާޒް އަލް އުސްތާޛާ މަރިޔަމް މިޒްނާ ޝަރީފް އާއި ހައިކޮމިޝަންގެ އިސްވެރިންނާ ބައްދަލުކުރައްވާ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމާއި ދިވެހި މާއްދާ ކިޔަވައިދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.