ޚަބަރު

ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއްގެ ޙަމަލާ!


ދޯންޏެއްގައި މަސް ބާނަން އުޅެނިކޮށް ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމާދީފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޅ.އަތޮޅު މާފިލާފުއްޓާ ދިމާ ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓުނުވަގުތު އެމީހާއަށް މިޔަރެއް ޙަމަލާ ދީފައިވާކަމަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
ކަނޑަށް ވެއްޓުމުން މިޔަރު ހަމަލާދީފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ހަމަލާގެ ސަބަބުން ހާނީއްކަވެފައިވަނީ އެމީހާގެ ކަނާތުފަޔަށްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފްގެ ސިފައިންގެ އުޅަނދަކާއި ޅ.އަތޮޅު ހޮސްޕިޓަލުގެ ޓީމަކުން އެ ދޯނި އޮތް ސަރަހައްދަށް ގޮސްފައިވެއެވެ. އަދި ހާނީއްކަވީ މީހާ ވަނީ އިތުރު ފަރުވާއަށް ޅ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިޔަރު ހަމަލާދިން މީހާގެ ހާލު ސީރިއަސް ނޫންކަމަށެވެ. މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިއަދު ހެނދުނު 11 ޖަހަން އުޅެނިކޮށެވެ.

މިފަދަ ހާދިސާތައް މަދުންނަމަވެސް ރާއްޖޭގައި އަންނަނީ ހިނގަމުންނެވެ. އެގޮތުން 2020ވަނަ އަހަރުވެސް މަސްވެރިކަން ކުރަމުން ދިޔަ ދޯޏަކުން މީހަކު ކަނޑަށްވެއްޓުމުން މިޔަރެއް ހަމަލާދީ ފައިވާކަން ފާހަގަ ކުރެވެއެވެ.