ޚަބަރު

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއާ ގުޅޭގޮތުން ދައްކާ ވާހަކަތައް ފުލުހުން ދޮގުކޮށްފި


2021 މެއި 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަޙްމަދު ފާތިހު، މެއި 6 ވަނަ ދުވަހުގެ ހަމަލާ ދިން އިރުވެސް ހުރީ ފުލުހުންގެ ވަޒީފާގައިކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކުރި ލ. ގަން، ތުނޑި ދުންފިނިއުފާ، އަޙްމަދު ފާތިހުއަކީ އެ ހަމަލާ ދެވުނު އިރު އަދި ހައްޔަރުކުރި އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއްކަމަށް ބުނެ ދައުރުކުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއްކަމަށެވެ.
.
އަޙްމަދު ފާތިހު ފުލުހުންގެ ވަޒީފާއާ 2018 ނޮވެމްބަރ 25 ވަނަ ދުވަހު ގުޅުމަށްފަހު، 2021 ފެބްރުއަރީ 3 ވަނަ ދުވަހު އަމިއްލައަށް އެދިގެން ފުލުހުންގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައިގެ ތަޙުޤީޤުކުރެވެމުން ދިޔައިރު، ތަޙުޤީޤު ހިނގާ ނުހިނގާގޮތް ބެލުމަށް އެކުލަވާލެވުނު ހުރިހާ ފަރާތަކާ ދިވެހި ފުލުހުންގެ ޚިދުމަތުން ވާނީ އަހުމަދު ފާތިހު އަކީ ހަމަލާދެވުނު އިރު އަދި ހައްޔަރުކުރެވުނު އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއް ނޫންކަން ބަޔާންކޮށްފައިކަމަށެވެ. އަދި މި މަޢުލޫމާތު މިޑިއާތަކަށްވެސް ކުރިން ވާނީ ފޯރުކޮށްދީފައިކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިޒަމްގެ ހަމަލާގެ ތުހުމަތަށް އަޙްމަދު ފާތިހު ހައްޔަރުކުރުމަށްފަހު ތަޙުޤީޤު ނިންމައި، ދަޢުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިކަމަށެވެ. ނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވާފައިވަނީ އަޙްމަދު ފާތިހުގެ މައްޗަށް ދައުވާކުރެވޭނެ އެކަށީގެންވާ ހެކި ނެތުމުން ދަޢުވާ ނުކުރުމަށްކަމަށް ފުލުހުން ވިދާޅުވިއެވެ.

އެހެންކަމުން މިފަދަ ޚަބަރުތައް ގެނެސްދިނުމުގައި އިތުބާރު ހިފޭ މަސްދަރުތަކުން މައުލޫމާތު ހޯދައި ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރާކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.