ކުޅިވަރު

ޗެމްޕިއަންސް ލީގަށް ގެންނަ ބަދަލުތަކާއެކު އީއެފްއެލް ކަޕަށް އަސަރެއް ނުކުރާނެ


ޔުއެފާ ޗެމްޕިއަންސް ލީގަށް ގެންނަ ބަދަލުތަކާއެކު އިނގިރޭސި ލީގު ކަޕުގެ މުސްތަގުބަލަށް އަސަރުނުކުރާނެ ކަމަށް އެ ލީގުގެ ޗެއާމަން ރިކް ޕެރީ ބުނެފިއެވެ.

މައުލޫމާތު ލިބޭގޮތުގައި މިހަފުތާގައި ޔޫރަޕިއަން ކުލަބު އެސޯސިއޭޝާނާއި ޔުއެފާގެ މެދުގައި ބާއްވާ ބައްދަލުވުންތަކަށްފަހު ޗެމްޕިއަންސް ލީގަށް 2024 ވަނަ އަހަރު ގެންނަ ބަދަލުތަކާމެދު އެއްބަސްވުމަކަށް އާދެވޭނެއެވެ.

ޔުއެފާއިން ވަނީ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 32 އިން 36 އަށް އިތުރު ކުރުމަށް މިދިޔަ އަހަރު ހުށަހަޅާފައެވެ. މިގޮތުން ގްރޫޕް ސްޓޭޖުގެ މެޗުތައް ހަ މެޗުން އަށެއް ނުވަތަ ދިހަ މެޗަށް އިތުރު ވެގެންދާނެއެވެ. އެހެން ވެއްޖެނަމަ ޑިސެމްބަރު މަހުގެ ކުރިން ހަފުތާގެ މެދުތެރޭގައި ކުޅެން ޖެހޭ މެޗުތަކުގެ އަދަދު އިތުރު ވެގެންދާނެކަމަށް ބެލެވެއެވެ.

މިކަމުގެ އަސަރު އިނގިރޭސި ލީގު ކަޕަށް އަސަރުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ. އެކަމަކު ޕެރީ ބުނީ 2024 އަންނަކަން އެނގޭ ކަމަށާއި، އެހެން ނަމަވެސް އެކަމުގެ ސަބަބުން އެ މުބާރާތަށް އަސަރުނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެ މުބާރާތަށްވެސް ބައެއް ބަދަލުތައް ގެންނަންޖެހޭނެ ކަމަށް ގަބޫލުކުރާކަމުގައި އޭނާ ވަނީ ބުނެފައެވެ. އެގޮތުން އެ މުބާރާތުގެ ސެމީފައިނަލް އެއް ލެގަށް ބަދަލުކުރުން ފަދަ ކަންތައްތައް ހިމެނިގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.