އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދުމަށް ހުރިހާ އެންމެންވެސް ބޭނުންވާކަމަށް މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނި ބުނުމާ އެއްބަސްނުވާކަމަށް ލިވަޕޫލުގެ ކޯޗް ޔާގަން ކްލޮޕް ބުނެފިއެވެ.
ގާޑިއޯލާ އެހެން ބުނެފައިވަނީ ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި ދެކޮޅަށް ކުޅެ މޮޅުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.
ނަމަވެސް ކްލޮޕް ބުނީ ގާޑިއޯލާ އެހެން ބުނެވިފައިވަނީ މެޗުގެ ފޯރީގައި ޖަޒުބާތުގައި ޖެހިގެން ކަމަށެވެ. އަދި މުޅި އިންގްލަންޑް ލިވަޕޫލަށް ސަޕޯޓުކުރާކަން ނޭނގޭ ކަމަށާއި، އޭނާގެ ޓީމު އެހެން ސްޓޭޑިއަމުތަކަށް ދިއުމުން ފެންނަނީ އެ މަންޒަރު ނޫން ކަމަށްވެސް ބުންޏެވެ.
ކްލޮޕް ބުނީ އޭނާ ދިރިއުޅެނީ ލިވަޕޫލުގައި ކަމަށާއި، އެ ތަނުގެ ގިނަ ރައްޔިތުން އޭނާގެ ކުލަބު މޮޅުވާން ބޭނުންވާކަން އެނގޭ ކަމަށެވެ. ނަމަވެސް ލިވަޕޫލުގައިވެސް އޭނާގެ ޓީމަށް ސްޕޯޓުކުރާ މީހުން ދެ ބަޔަކަށް ބެހިފައިވާ ކަމަށްވެސް ބުންޏެވެ.
ކްލޮޕް އިތުރަށް ބުނީ މެޗުގެ ފޯރީގައި ޖެހި ކުޅުންތެރިންނާއި ކޯޗުންނަށް އެ ވަގުތުގެ ގޮތުން ބުނެވޭ ބައެއް ކަހަލަ އެއްޗެހި ހުންނަ ކަމަށާއި، އެގޮތުން އޭނާއަށްވެސް ބައެއް ފަހަރު އެގޮތަށް ބައެއް އެއްޗެހި ބުނެވިފައި ހުންނަ ކަމަށެވެ. ކްލޮޕް ބުނީ އޭނާގެ ހުރިހާވެސް ވިސްނުމެއް މިވަގުތަށް ހުރީ ކުރިއަށް އޮތް ތިން މެޗު ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އަދި މުޅިން ނުގެއްްލޭ ކަމަށްވެސް ވަނީ ބުނެފައެވެ.
ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.