އިޓާލިއަން ލީގުގައި އޭއެސް ރޯމާއާ ދެކޮޅަށް ކުޅުނު މެޗު ފިއޮރެންޓީނާއިން ކާމިޔާބުކޮށްފިއެވެ.
ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމުން ކާ،ިޔާބުކުރީ ދެ ލަނޑު ސުންލަނޑުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ، ގިނަ ހަމަލާ އުފައްދާފައިވަނީ ފިއޮރެންޓީނާއެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗްގެ ފަސްވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ފިއޮރެންޓީނާގެ ނިކޮލަސް ގޮންޒާލޭސްއެވެ.
އަދި މެޗްގެ 11 ވަނަ މިނެޓްގައި ޖިއާންކޯމޯ ބޮނަވެންޓޫރާ ވަނީ ފިއޮރެންޓީނާގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށްވެސް ވަނީ ލިބިގެންގޮސްފައެވެ. ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލުން ޖާގަ ހޯދާފައިވާ ރޯމާއަށް މި މެޗުގައި މާ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު ފިއޮރެންޓީނާ މިހާރު އުޅެނީ ކުޅުނު 36 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ. އަދި ރޯމާ އުޅެނީ ޖަހާފައިވާ ލަނޑުގެ ތަފާތުން ކުރިހޯދައިގެން ތާވަލުގެ ހަވަނައިގައެވެ.