ރާއްޖޭގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ޖޫނިއާ އަދި ކެޑޭޓް ބައިގެ ސެމީ ފައިނަލުން ރާއްޖޭގެ ގައުމީ އަންހެން ޓީމު ޖާގަ ހޯދައިފިއެވެ.
ޖޫނިއާ ބައިގެ ސެމީއަށް ރާއްޖެ ދަތުރުކޮށްފައިވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ގްރޫޕް ބީގެ އެއްވަނަ ހޯދައިގެންނެވެ. މި ގްރޫޕުން ދެވަނައަށް ދިޔައީ ޕާކިސްތާނެވެ. ސެމީ ފައިނަލުގައި މިއަދު ރާއްޖެ ނުކުންނާނީ ގްރޫޕް އޭގެ ދެވަނައަށް ދިޔަ ސްރީ ލަންކާއާ ދެކޮޅަށެވެ. ގްރޫޕް އޭއިން އެއްވަނަ ހޯދާފައިވަނީ އިންޑިއާއެވެ.
ޖޫނިއާ އަންހެން ބައިގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ނުކުތީ ޕާކިސްތާނާއި ދެކޮޅަށެވެ. މި މެޗު ރާއްޖޭން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ގޭމުންނެވެ. މެޗުގެ ފުރަތަމަ ގޭމްޗ ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ކުޅުން އަރައި ވަނީ ޕާކިސްތާނު ކުޅުންތެރިޔާގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާފައެވެ. އަދި ދެވަނަ ގޭމުގައި ރާއްޖޭގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ފަސޭހަކަމާއެކު ޕާކިސްތާނު ކުޅުންތެރިޔާގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާފައެވެ.
މި މެޗުގެ ތިންވަނަ ގޭމުގައި ޒުވާން ކުޅުންތެރިޔާ މިޝްކާ މުޙައްމަދު އިބްރާހީމުގެ މައްޗަށް ޕާކިސްތާނުގެ ކުޅުންތެރިޔާގެ ފަހަތުން އަރައި ކުރި ހޯދީ 3-2 ސެޓުންނެވެ. އެކަމަކު މެޗުގެ ހަތަރުވަނަ ގޭމް ރާއްޖޭގެ ދީމާ ވަނީ ފަސޭހަކަމާއެކު ތިން ސެޓު ކާމިޔާބުކޮށްފައެވެ.
ޖޫނިއާ އަންހެން ބައިގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗު ނޭޕާލާ ވާދަކޮށް ރާއްޖޭންން ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމުގައި ވާދަވެރި ކުޅުމަކަށް ފަހު ރާއްޖޭގެ ދީމަ ވަނީ ނޭޕާލުގެ ބިއަންކާ އަތުން 3-1 ސެޓުން މޮޅުވެފައެވެ. އަދި ދެވަނަ ގޭމު ރާއްޖޭގެ ރަފާ ކާމިޔާބުކުރީ ނޭޕާލްގެ އިވާނާއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އަދި މި މެޗުގެ ތިންވަނަ ގޭމުގައި ރާއްޖޭގެ މިޝްކާ ވަނީ މޮޅު ކުޅުމެއް ދައްކައި، ފަހަތުން އަރައި ނޭޕާލްގެ ސުބަޝްރީ 3-1 ސެޓުން ބަލިކޮށްފައެވެ.
މީގެ އިތުރުން މި މުބާރާތުގެ ކެޑޭޓް ކެޓަގަރީގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 3 ގޭމް 2 ގޭމުން ބަލިވި ނަމަވެސް، ފަހު މެޗުގައި ލަންކާ އަތުން ފަހަތުން އަރައި މޮޅުވެ ރާއްޖޭން ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.
ޕާކިސްތާނާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ މިޝްކާ އަތުން ޕާކިސްތާންގެ ހާއިގާ ހަސަން މޮޅުވީ 3-2 ސެޓުންނެވެ. އެކަމަކު ދެވަނަ ގޭމުގަައި ރާއްޖޭގެ ދީމާ ވަނީ 3-1 ސެޓުން ޕާކިސްތާންގެ ހޫރު ފަވާދު ބަލިކޮށްފައެވެ.
މެޗުގެ ތިންވަނަ ގޭމުގައި ރާއްޖޭގެ ދީމާ އާއި މިޝްކާގެ ޕެއާ ނުކުތީ ޕާކިސްތާނުގެ ހޫދު އާއި ހާއިގާގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު 3-1 ސެޓުން ޕާކިސްތާނުގެ ޕެއާއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ހަތަރުވަނަ ގޭމު ރާއްޖޭގެ މިޝްކާ ކާމިޔާބުކުރީ ޕާކިސްތާނުގެ ހާއިގާއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ނަމަވެސް މި މެޗުގެ ފަހު ގޭމު ޕާކިސްތާނުގެ ހޫރު ވަނީ ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައެވެ.
އެއާއެކު މޮޅުވާން މަޖުބޫރުވެފައި އޮތް މެޗުގައި ސްރީ ލަންކާ އާއި ދެކޮޅަށް ރޭ ކުޅެ ރާއްޖެ މޮޅުވީ 3-1 ގޭމުންނެވެ. ފުރަތަމަ ގޭމުގައި ކުޅެން ނުކުމެ މިޝްކާ އަތުން ލަންކާގެ ލެސަންޔާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެކަމަކު ދެވަނަ ގޭމަށް ނުކުމެ ލަންކާގެ ތަމާޑީ އަތުން މޮޅުވެ، ރާއްޖޭގެ ދީމާ ވަނީ ދިވެހި ޓީމަށް އުއްމީދު ހޯދައިދީފައެވެ.
މި މެޗުގެ އެންމެ ފޯރިގަދަ ގޭމު ކަމަށްވާ ތިންވަނަ ގޭމުގައި ދީމާ އާއި މިޝްކާގެ ޕެއާ ވަނީ ލަންކާގެ ލެސަންޔާ އާއި ޓަމާޑީ އަތުން މޮޅުވެ، ސެމީގެ އުއްމީދު ދަމަހައްޓާފައެވެ. އަދި ހަތަރުވަނަ ގޭމު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ދީމާ ވަނީ ރާއްޖެ ސެމީއަށް ގެންގޮސްދީފައެވެ.
އަންހެން ކެޓަގަރީގެ ކެޑޭޓް ބައިގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ގްރޫޕް އޭގެ އެއްވަނަ ހޯދި އިންޑިއާއާ ދެކޮޅަށެވެ. އަދި ސެމީ ފައިނަލް ދެވަނަ މެޗުގައި ސްރީ ލަންކާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.