ޚަބަރު

ޔަހޫދީނަށް ކުރި ނުލިބެނީ ސޫރިޔާއާއި އީރާނުގެ ގުޅުން ވަރުގަދަވުމުން: ބައްޝާރު


މެދުއިރުމަތީގައި އިސްރާއީލުގެ ޔަހޫދީ ދަޢުލަތަށް ބޭނުންވާ ވަރަށް ކުރިއެރުން ނުލިބެނީ ސޫރިޔާއާއި އީރާނުގެ ގުޅުން ވަރުގަދަވުމުގެ ސަބަބުންކަމަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެއެވެ.

އިރާނުގައި ވެރިރަށް ތެހުރާނަށް ކުރައްވަމުން ރަސްމީ ދަތުރުފުޅުގައި ބައްޝާރުވަނީ އެ ޤައުމުގެ ރޫޙީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމަނާއީއާއި އެ ޤައުމުގެ ރައީސް އިބްރާހީމު ރައީސީއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވައިފައެވެ. އެއީ 2011ވަނަ އަހަރުގެ ތެރޭގައި ސޫރިޔާގައި ދާޚިލީ ހަނގުރާމައެއް ފެށުނުފަހުން އީރާނަށް ބައްޝާރު ކުރައްވައި ދެވަނަ ދަތުރުފުޅެވެ.

ދާދިފަހުން ރިޔާސީ ދެވަނަ ދަޢުރެއް ކާމިޔާބުކުރައްވާފައިވާ ބައްޝާރާ ބައްދަލުކުރައްވައި ޚާމަނާއީ ވިދާޅުވެފައިވަނީ ދާޚިލީ ހަނގުރާމާގައި ސޫރިޔާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް އެއީ ކުރީގެ ސޫރިޔާ ނޫންކަމަށެވެ. އެ ގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުން ސޫރިޔާ ބަލައިގެންފައިވަނީ ސަރަޙައްދީ ވަރުގަދަ ބާރެއްގެ ގޮތުގައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނަކީ ސޫރިޔާގެ ދާޚިލީ ހަނގުރާމަ ބައްޝާރަށް ކާމިޔާބުކޮށްދިނުމުގައި މުޙިއްމު ދަޢުރެއް ޢަދާކޮށްފައިވާ ޤައުމެކެވެ. އޭގެ އިތުރުން ރަޝިޔާގެ ވަރުގަދަ އަސްކަރީ އެހީތެރިކަމާއި އީރާނާ ގުޅުން އޮންނަ ޙިޒުބުﷲ ޖަމާޢަތުންވެސްވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމާގައި މުޙިއްމު ދަޢުރެއް ޢަދާކޮށްފައެވެ.