ޖުޑިޝަލް ސަރވިސް ކޮމިޝަންއިން ސްކޫލް ކުދިންނަށް ޙާއްސަކޮށްގެން ސިލްސިލާ ޕްރޮގްރާމެއް ފައްޓައިފިއެވެ.
މި ޕްރޮގްރާމްއަކީ ޖުޑިޝަލް ސަރވިސް ކޮމިޝަންއިން އިސްނަންގަވައިގެން، ސްކޫލް ކުދިންނަށް ޝަރުޢީ ދާއިރާއިން މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންގޮސްފައިވާ ހަރަކާތެކެވެ.
ޖޭއެސްސީން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވާ ސްކޫލް ކުދިންނަށް ޝަރުޢީ ދާއިރާއިން މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެފައި ވަނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 1-3ގެ ދަރިވަރުންނެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސުޕްރިމް ކޯޓުގައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސުޕްރިމް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާރް ފައިސަލް އާދަމް ވިދާޅުވީ މީގެކުރިންވެސް ސުޕްރިމް ކޯޓުން އިސްނަންގަވައިގެން އޯޕަން ޑޭގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް ކޯވިޑް-19އާ ގުޅިގެން އެކަމަށް މެދުކެނޑުމެއް އައިކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު މިފެށިގެންދާ ސިލްސިލާ ޕްރޮގްރާމަކީ ސްކޫލްކުދިންނަށް ޝަރުޢީ ދާއިރާއާ ގުޅުންހުރި މައުލޫމާތު ސްކޫލް ދައުރުގަ ހިއްސާ ކުރެވި، ބޮޑެތިވެ ޕްރޮފެޝަން އިޙްތިޔާރުކުރާ އިރުގަ މިދާއިރާޔާ ގުޅުންހުރި މައުލޫމާތު ލިބިގެންދާނެ ގޮތަކަށް ކުރިއަށް ގެންދިޔުމަށް ފެށުނު ޕްރޮގްރާމެއް" ސުޕްރިމް ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާރް ފައިސަލް އާދަމް ވިދާޅުވިއެވެ.
މިހަރަކާތުގެ ތެރެއިން ދަރިވަރުންނަށް ފަނޑިޔާރުންނާ ބައްދަލުކޮށް އެބޭފުޅުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ދީ ސުވާލުކުރުމުގެ ފުރުސަތުތައް ލިބިގެންވަނީ ގޮސްފައެވެ. އަދި ކުޑަކުދިންނާއި ގުޅުން ހުރި އެކިއެކި ކަންކަން ޖޭއެސްސީން ވަނީ މި ހަރަކާތުގައި ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ކޯޓްތަކުގެ ދިދަތަކުގައި ކުލަޖެއްސުން ވަނީ ކުރިއަށްގެންގޮސްފައެވެ.
މިހަރަކާތުގެ ތެރެއިން ވާހަކަދައްކަވަމުން ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވީ މި ހަރަކާތުގެ ސަބަބުން ސްކޫލްކުދިންނަށް ތަފާތު ތަޖުރިބާއެއް ކުރެވި ކޯޓްތަކާ ގުޅުން ހުރި ދާއިރާތަކުން މައުލޫމާތު ލިބިގެންދާނެކަމަށެވެ. ޙާއްސަގޮތެއްގައި ޝަރުޢީ ދާއިރާއިންނާއި، ފަނޑިޔާރު ގެއާއި ފަނޑިޔާރުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން އަހުލުވެރި ދަރިންތަކަކަށް ވާނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މުސްތަޤުބަލްގަ އެހެން ސްކޫލްތަކުންވެސް މި ޕްރޮގްރާމްގަ ބައިވެރިވެ، އެހެން މަރުހަލާތަކުގެ ކޯޓް ތަކަށްވެސް ކުދިންނަށް ބަލާލުމުގެ ފުރުސަތު ލިބި، ތަޖުރިބާ ލިބިގެން މިދާއިރާއިންވެސް ޝައުގުވެރިކަން ހުންނަ ކުދިންތަކެއް ސްކޫލް ނިންމާ މިދާއިރާ ޙިޔާރުކުރާނެކަމަށް" ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމް ވިދާޅުވިއެވެ.
ކުޑަކުދިންނަށް އަމާޒުކޮށްގެން ޖޭއެސްސީން ކުރިއަށްގެންދާ މިޕްރޮގްރާމްގެ ސަބަބުން ކުޑަކުދިންނަށް ވަޒީފާގެ މާހައުލުގައި ކޯޓުތަކުގައި އޮންނަ ފުރުސަތުތަކަށް އަހުލުވެރި ކުރުވާ ތަފާތު ތަޖުރިބާތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.