ދުނިޔެ

ފާއިތުވި ދެ އަހަރު އިރާޤުގެ 19 ހާސް އާއްމުން މަރުވި- އދ


2003 ވަނަ އަހަރުން 2011 ވަނަ އަހަރަށް އެމެރިކާއިން އިރާޤަށް އަރާ ކުރި ހަނގުރާމައަށް ފަހު އެގައުމުގައި ސުލްޙަ ޤާއިމުކުރެވޭނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރިއެވެ. އެހެން ނަމަވެސް އިރާޤުގެ އެތެރޭގައި އުފެދިފައިވާ ނަސްލީ އަދި ދީނީ ހިޔާލު ތަފާތުވުންތަކުގެ ނާޖާއިޒު ފައިދާ ނަގާ ހައްދު ފަހަނައަޅާފައިވާ އައި.އެސް ޖަމާޢަތުން އެގައުމުގެ އުތުރުގެ ސަރަހައްދުތަކަށް ވެރިވެގަތީ ހީވެސް ނުކުރާހާ ހަލުވި ކަމާއެކުގައެވެ. އުތުރުގެ ގިނަ ރަށްތަކެއް އައި.އެސް ހަނގުރާމަވެރިންގެ އަތްދޮށުލަމުން ދިޔަ އިރު، އިރާޤުގެ ސަލާމަތީ ބާރުތަކުން ވަނީ އައި.އެސްއާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ހަމަލާތައް ދޭން ފަށާފައެވެ. އަނެއްކޮޅުން، އައި.އެސްއަކީ ދުނިޔޭގެ ސަލާމަތަށް ވެސް އޮތް ނުރައްކަލެއްގެ ގޮތުގައި ފާހަގަކޮށް 60 އަށް ވުރެ ގިނަ ގައުމު ހިމެނޭ ބައިނަލްއަޤްވާމީ އަސްކަރީ އިއްތިހާދެއް އެކުލަވާލާ މި އިއްތިހާދުން 2014 ވަނަ އަހަރުގެ މެދު ތެރެއިން ފެށިގެން އިރާޤުގެ ސަރަހައްދުތަކަށް ހަމަލާތައް ދޭން ފެށިއެވެ.މިފަދަ ހަމަލާތަކާ އެއްގަމު މަގުން ހިނގަމުން ދިޔަ ކުރިމަތިލުންތަކުގެ އެންމެ ބޮޑު ޝިކާރައަކަށް ވަމުން ދިޔައީ އިރާޤުގެ ޢާއްމު ރައްޔިތުންނެވެ. އިރާޤުގައި ހަރަކާތްތެރިވާ އދގެ މިޝަނާ އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ އދގެ އިދާރާއިން ގުޅިގެން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުން 2015 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ނިޔަލަށް އިރާޤުގެ އެކި ސަރަހައްދުތަކުގައި ދީފައިވާ ހަމަލާތަކާ ހިނގާފައިވާ ކުރިމަތިލުންތަކުގައި އާއްމުންގެ 19 ހާސް މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރެއިން 18 ހާސް މީހުންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ އައި.އެސް ޖަމާޢަތުން ކަމަށް އދން ބުނޭ. މިމުއްދަތުގައި އާއްމުންގެ 36 ހާސް މީހުން ޒަޚަމްވެފައިވާ ކަމަށް އެފަރާތްތަކުން ހާމަކުރެއެވެ.ހަމަލާތަކުގައި ސީދާ ގޮތުން މަރުވެ ނުވަތަ ޒަޚަމްވެފައިވަނީ އާއްމުންގެ އިތުރުން ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ އަސާސީ ބޭނުންތައް ނުފުއްދުމުގެ ސަބަބުން އިރާޤުގެ އެތަށް ބަޔަކު މަރުވެފައިވާ ކަމަށާ މި މީހުންގެ ތަފާސް ހިސާބުތަކުން މި ރިޕޯޓްގައި ހިމަނާފައިނުވާނެ ކަމަށް ވެސް އދން ބުނެއެވެ. އދން ވަނީ ނަސްލީ އަދި ދީނީ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ހިނގާ އެކި އެކި ހަމަނުޖެހުންތަކަށް ކުރިއަށް އޮތްތަނުގައި ޖާގަ ނުދިނުމަށް އިރާޤު ސަރުކާރަށް ގޮވާލާފައެވެ.މީގެ އިތުރުން، އދން ވަނީ އައި.އެސް ޖަމާޢަތުން އިރާޤުގައި ހިންގަމުން އަންނަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ވެސް ބަޔާންކޮށްފައެވެ. މި ގޮތުން، އިރާޤުގައި 3500 މީހުން އައި.އެސްގެ އަޅުވެތިކަމުގެ ދަށުގައި އުޅެމުންދާ ކަމަށް އދން ބުނޭ. މީގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިން ކަމަށް ވެސް އދން ވަނީ ބުނެފައެވެ.