ޚަބަރު

މަސްވެރިކަން ކުރިއެރުވުމަށް ކުރީގެ ސަރުކާރުން މަސައްކަތްކޮށްފައެއް ނުވޭ - ޢާދިލް ސަލީމް


ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރަންޖެހޭ ބާރުމިނުގައި ކުރިއަރާފައި ނުވަނީ، ކުރީގެ ސަރުކާރުން އެ ސިނާއަތް ކުރިއެރުވުމަށް މަސައްކަތްކޮށްފައިނުވާތީކަމަށް މަސްވެރިކަމުގެ ސިނާއަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ޢާދިލް ސަލީމް ވިދާޅުވެއްޖެއެވެ.

މިފްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރގެގޮތުގައިވެސް ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރައްވާފައިވާ އާދިލް ސަލީމް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަކަށް މިހާރު ހުރި ގޮންޖެހުންތަކާއި މިހާ ދަށަށް މަސްވެރިކަމުގެ ސިނާއަތް، ގޮސްފައިވާ ސަބަބުތަކާ ގުޅޭގޮތުން ޢާދިލްވަނީ ވާހަކަދައްކަވާފައެވެ.

އާދިލް ސަލީމް ވިދާޅުވީ ކުރިން މިފްކޯއަށް މަސް ގަންނަމުން އައި މިންވަރަށް މިހާރު މަސް ނުގަނެވޭކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. ސަބަބަކީ ކާރުޚާނާތައް މެއިންޓެއިންކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރީގެ ސަރުކާރުންކޮށްފައި ނުވުމުންކަމަށް އާދިލް ސަލީމް ވިދާޅުވިއެވެ.

" މިހެން މި ދިމާވީ ކޮންޓިނިއުޓީ ނެތުމުގެ ސަބަބުން، ކުރީގަ އޮތް ސަރުކާރު އޮވެފައި، ދެން އައިއްސި އެއްވެސް ގޮތަކަށް އަޅާނުލި ސަރުކާރުން، އެގޮތަށް ދިމާވެފައި، މެއިންޓެއިނެންސް ނުކުރެވި، އާ ކަންތައްތައް ނުކުރެ، 5 އަހަރެއްގެ މުއްދަތު ދިޔުމަކީ ސިނާއީ މަސައްކަތެއް ކުރާތަނަކަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނަ ކަމެއް.،" ޢާދިލް ސަލީމް ވިދާޅުވިއެވެ.

ޢާދިލް ވަނީ ކުރީގެ ސަރުކާރުގެ ފަސް އަހަރުތެރޭގައި މަސް ކިރުވުމުގެ ކެޕޭސިޓީ ދަށްވުމަށް މެދުވެރިވި ސަބަބުތަކާ ގުޅޭ ބައެއް ތަފްސީލްތައްވެސް ދެއްވާފައެވެ. އެގޮތުން މަސް އުފުލުގައި ބޭނުންކުރާ ބޯޓެއް އަނދައިގެން ދިޔުމާއި، ސްޕެއަރ ޕާޓްސްތައް ގަތުމަށް ޚަރަދުތައްކޮށްފައި ނުވުމާއި، ސްޓޯރޭޖް ބޮޑުކުރުމަށް މަސައްކަތްކޮށްފައިނުވުމަކީވެސް ކުންފުނި ފަހަތަށްދިޔަ ސަބަބުތަކެއްކަން އާދިލް ފާހަގަކުރެއްވިއެވެ.

ދަތި ދުވަސްވަރެއްގައި މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ޢާދިލް ވަނީ ތައުރީފުކުރައްވާފައެވެ. އެގޮތުން މިފްކޯގެ ކެޕޭސިޓީ އިތުރުކުރަމަށް ކުރަމުންދާ މަސައްކަތްތައް ޢާދިލްވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުން ދަނީ މިފްކޯ އަޕްގްރޭޑުކުރުމުގެ ބިޔަ މަޝްރޫޢެއްގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން
ކޫއްޑޫގައި މިހާރު ޤާއިމްކުރެވިފައިވަނީ 2000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. ކޫއްޑޫ ތަރައްޤީކުރުމުގެ މަޝްރޫޢާއެކު 4000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރެވިގެންދާނެއެވެ.

މީގެއިތުރުން ގދ.ތިނަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ 1000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި މ.މުލަކުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. އަދި ފެލިވަރު، ކޫއްޑޫ، ކަނޑުއޮތްގިރި ފެސިލިޓީ އަޕްގްރޭޑްކޮށް އަދި ތިނަދޫ އާއި މުލަކުގައި އައު ސްޓޯރޭޖް ފެސިލިޓީ ޤާއިމްކޮށް ނިމުމުން، މިފްކޯއަށް މަސްގަނެވޭ މިންވަރު ދުވާލަކަށް %61 އިތުރުކުރެވޭކަމަށް ސަރުކާރުން ލަފާކުރައްވައެވެ.