ޚަބަރު

ޖުލައި 26ގެ ކުރިން ޓެލެމެޑިސިންގެ ޚިދުމަތް ފަށަނީ: ފުރަތަމަ ފަށަނީ ފ.އަތޮޅުގައި


ޖުލައި މަހުގެ 26ގެ ކުރިން ރާއްޖޭގައި އަލުން ޓެލެމެޑިސިންގެ ޚިދުމަތް ފެށުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ. ރާއްޖޭގައި މީގެ ކުރިންވެސް ޓެލެމެޑިސިންގެ ޚިދުމަތް ބައެއް ސަރަހައްދުތަކުގައި ފެށިނަމަވެސް މިހާރު ވަނީ އެ ޚިދުމަތް ހުއްޓިފައެވެ.

ޓެލެމެޑިސިންގެ ނުވަތަ ދުރުތާ ފަރުވާ ލިބިގަތުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ، ޓެލެމެޑިސިންގެ މުހިންމުކަން އެންމެ ބޮޑަށް އެނގިގެންދިޔައީ ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފުރަބަންދު ވުމުންކަމަށެވެ. ރާއްޖޭގައި މީގެ ކުރިންވެސް ޓެލެމެޑިސިންގެ ޚިދުމަތް ބައެއް ސަރަހައްދުތަކުގައި ފެށިނަމަވެސް މިހާރު އެ މަސައްކަތް ހުއްޓިފައިވާކަން އާދިލް ފާހަގަކުރެއްވިއެވެ. އެހެންކަމުން ސިއްޙީ ދާއިރާއަށް ގެންނަ ތަރައްޤީގެ ދަށުން މުޅި ރާއްޖެއަށް ޓެލެމެޑިސިންގ ފުޅާކުރުމަށް ނިންމާފައިވާކަމަށް އާދިލް ވިދާޅުވިއެވެ.

އެގޮތުން އެންމެ ފުރަތަމަ އެ ޚިދުމަތް ފެށުމަށް ނިންމާފައިވަނީ ފ.އަތޮޅުގައެވެ. އާދިލް ވިދާޅުވީ އެކަމުގެ ޕައިލެޓް ޕްރޮޖެކްޓް އަންނަ ޖުލައި މަހުގެ 26ގެ ކުރިން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

"އަޅުގަނޑުމެން ދުރުގައި ތިބެގެން ޑޮކްޓަރުންގެ އެހީތެރިކަން ހޯދައިފިން. މިއީ މީގެ ކުރިން ނުހިނގާއޮތް ކަމެއް. އޭގެ މުހިންމުކަމާ ބޭސް ސިޓީ ފޮނުވައިގެން ބޭސް ނެގުމާ އަދި ޑޮކްޓަރަށް ދެއްކުމުގެ ޓެލެ ކޮންސަލްޓޭޝަން އަކީ އެންމެ މުހިންމު އެއް ވަސީލަތްކަން މި ކޯވިޑާއި ގުޅިގެން މުޅި ދުނިޔެއަށްވެސް ހާމަވެގެން ގޮސްފަ."އަޙްމަދު އާދިލް ވިދާޅުވިއެވެ.


ޓެލެމެޑިސިންގެ ޚިދުމަތަކީ ރަށުގައި ތިބެގެން ރަށުން ބޭރުގައި ޚިދުމަތްދޭ ޑޮކްޓަރުންނާއި ވަރޗުއަލްކޮށް ބައްދަލުކޮށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސައިދޭ ޚިދުމަތެކެވެ.

ޓެލެމެޑިސިންގެ ޚިދްމަތް ތައާރަފް ކުރުމުގެ ބޭނުމަކީ ރާއްޖޭއިން ނުވަތަ ރާއްޖޭގެ އެއް ސަރަހައްދަކުން ލިބެން ނެތް ސިއްޙީ ޚިދުމަތެއް އެ ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ނުގޮސް ހޯދުމެވެ. ޓެލެމެޑިސިންގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ގިނަ ބަޔަކަށް އެތަކެއް ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ބަލިމީހުންނަށް ގައުމުން ބޭރަށް ނުގޮސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލް މެދުވެރިކޮށް ސްޕެޝަލިސްޓުންނަށް ކުޑައަގެއްގައި ދެއްކޭނެ ފުރުސަތު ފަހިވެގެންދާނެއެވެ.