ދުނިޔެ

ރެފިއުޖީ މައްސަލަ ހައްލުކުރުމަށް ވިލާތަށް އޮތީ 2 މަސް - ޓަސްކް


ވިލާތުގެ ޤައުމުތަކަށް
ކުރިމަތިވެފައިވާ ރެފިއުޖީންގެ މައްސަލަ ޙައްލުކުރުމަށް އެޤައުމުތަކަށް އޮތީ ދެ
މަސްދުވަހުގެ މުއްދަތެއްކަމަށް ވިލާތުގެ އިއްތިޙާދުގެ ރައީސް ޑޮނާލްޑް ޓަސްކް ވިދާޅުވެއްޖެއެވެ.



ފަރަންސޭސިވިލާތުގެ
ސްޓްރަސްބާރގްގައި ބޭއްވި ވިލާތުގެ އިއްތިޙާދުގެ ޤާނޫނުހަދާ މަޖިލީހުގެ
ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޓަސްކް ވިދާޅުވީ، މިދިޔަ ޑިސެމްބަރ މަހުގެ 25
ވަނަ ދުވަހަށްފަހު ވިލާތަށް ދުވާލެއްގެ މައްޗަށް 2,000 ވުރެ ގިނަ ރެފިއުޖީން ވަންނަމުންދާ
ކަމަށެވެ. މިމައްސަލަ ޙައްލުކުރުމަށް ވިލާތުގެ ޤައުމުތަކަށް ލިބިފައިވާ ވަގުތު
ކުޑަތަންވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ޓަސްކް ވިދާޅުވީ، ވިލާތުގެ ޤައުމުތަކަށް
ވަންނަ ރެފިއުޖީންގެ ޢަދަދު މަދުކުރުމަށް އެބައްރުގެ ޤައުމުތަކުން އަޅަން
ނިންމާފައިވާ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވެފައިވާ ކަމަށާއި، މިކަންކަން
މިހާރު މިހާރަށް ކުރަންޖެހޭ ކަމަށެވެ. 2015 ވަނަ އަހަރު ދުނިޔޭގެ އެކި
ހިސާބުތަކުން އެއް މިލިއަނަށް ވުރެ ގިނަ ރެފިއުޖީން ވިލާތަށް ވަދެފައިވެއެވެ.