އިނގިރޭސި އެފްއޭ ވިމެންސް ސުޕަ ލީގުގެ ތަށި ޖެހޖެހިގެން ތިންވަނަ ފަހަރަށް ޗެލްސީ ވިމެންއިން ކާމިޔާބުކޮށްފިއެވެ.
މިމުބާރާތުގެ ތަށި ޗެލްސީ ވިމެން ކާމިޔާބުކުރީ ރޭ ކުޅުނު ލީގުގެ ފަހު މެޗްގައި މެންޗެސްޓަރ ޔުނައިޓެޑް ވިމެން އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށް، ތާވަލްގެ އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑެއް ނަގައިގެންނެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ ޔުނައިޓެޑުން ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރާ 4-2 ގެ ނަތީޖާއަކުންނެވެ.
މިމެޗްގައި ޔުނައިޓެޑުން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ޗެލްސީއިންނެވެ. ތަށި ކާމިޔާބު ކުރަން ބޭނުންނަމަ ބޮޅުވާން މަޖްބުރު މިމެޗްގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅުނު ތަން ފެނިގެންދިޔައީ ޔުނައިޓެޑުންނެވެ. އެގޮތުން މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީވެސް ޔުނައިޓެޑުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ މާޓާ ތޯމަސްއެވެ.
ނަމަވެސް ޔުނައިޓަށް މިލީޑު ދަމަހައްޓާލެވުނީ ފަސް މިނެޓް ވަންދެނެވެ. އެގޮތުން ޗެލްސީއިން ނަތީޖާ އެއްވަރު ކުރި ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހާދިނީ އެރިން ކަރތުބަރޓްއެވެ. މިމެޗްގައި ޔުނައިޓެޑުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 25 ވަނަ މިނެޓްގައި އެލާ ތޫންއެވެ.
މިމެޗްގައި ޗެލްސީއިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކުރި ލަނޑު މެޗްގެ 46 ވަނަ މިނެޓްގައި ޖަހާދިނީ ސޭމް ކާރއެވެ. އަދި މެޗްގެ 51 ވަނަ މިނެޓްގައި ގޫރޯ ރެއިޓެން ޖަހާދިން ލަނޑުން މިމެޗްގައި ފުރަތަމަ ފަހަރަށް ޗެލްސީއިން ލީޑު ނެގިއެވެ. އަދި މިމެޗްގައި ޗެލްސީގެ ހަތަރު ވަނަ ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ޖަހާދިނީ ދެވަނަ ލަނޑުވެސް ޖަހާދިން ކާރއެވެ.
މިކާމިޔާބީއާއެކު ޗެލްސީއަށް ލީގު ކާމިޔާބުކުރެވުނީ ކުލުނު 22 މެޗުން 56 ޕޮއިންޓް ލިބިގެންނެވެ. ދެވަނައަށް އެންމެ ޕޮއިންޓެއްގެ ތަފާތުން ދިޔައީ އާސެނަލް ވިމެންއެވެ. އަދި މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ކަށަވަރުކުރީ 47 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީ ވިމެންއެވެ. އަދި ޔުނައިޓެޑް ދިޔައީ 42 ޕޮއިންޓާއެކު ހަތަރު ވަނައަށެވެ.
މިއީ މިމުބާރާތުގެ ތަށި ޗެލްސީ ވިމެން އިން ޖެހިޖެހިގެން ހޯދި ތިންވަނަ ފަހަރެވެ. އަދި މިއަންނަ އާދިއްތަ ދުވަހު ވިމެންސް އެފް އޭ ކަޕްގެ ފައިނަލްގައި ސިޓީގެ މައްޗަށް ކުރ ިހޮދިއްޖެނަމަ މިސީޒަންގައި ލީގު ޑަބަލްއެއް ހެދުމުގެ ފުރުސަތު ޗެލްސީއަށް ލިބިގެން ދާނެއެވެ.