ކުޅިވަރު

ވެރޯނާ ބަލިކޮށް މިލާން އަނެއްކާވެސް އެއްވަނައަށް


އިޓާލިއަން ލީގުގައި ހެލަސް ވެރޯނާ ބަލިކޮށް ތާވަލުގެ އެއްވަނައަށް އޭސީ މިލާން އަނެއްކާވެސް ޖެހިލައިފިއެވެ.

ވެރޯނާގެ ދަނޑުގައި ކުޅުނު މިމެޗް މިލާނުން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާންއިންނެވެ. ނަމަވެސް މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ވެރޯނާއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޑޭވިޑް ފަރައޯނީއެވެ.

ނަމަވެސް މިލާންއިން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ސަންޑްރޯ ޓޮނާލީއެވެ. އަދި މެޗްގެ 49 ވަނަ މިނެޓްގައި މިލާނަށް ލީޑު ނަގާދިނީވެސް ޓޮނާލީއެވެ. އަދި މިމެޗްގައި މިލާނުން ޖެހި ފަހު ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި ޖަހާދިނީ އެލެސަންޑްރޯ ފްލޮރެންޒީއެވެ.

މިކާމިޔާބީއާއެކު މިލާނަށް މިވަނީ 36 މެޗުން 80 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގައި އުޅޭ އެންމެފަހުގެ ޗެމްޕިއަން އިންޓަރ މިލާނަށް ލިބިފައިވަނީ 78 ޕޮއިންޓެވެ. އަދި ވެރޯނާ އުޅެނީ 52 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.