ކުޅިވަރު

ނިއުކާސަލް ބަލިކޮށް ސިޓީއަށް އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ އެއްވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމުން ކާމިޔާބުކުރީ ގިނަ ބަޔަކު ހީކުރި ގޮތާއި ޚިލާފަށް ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗްގައި އެޓީމްގެ ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ޖަހާދިނީ ރަހީމް ސްޓަރލިންގއެވެ. އަދި ދެވަނަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ޖަހާދިނީ އެމެރިކް ލަޕޯޓްއެވެ. ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ސިޓީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބިގެން ގޮސްފައެވެ. އަދި ނިއުކާސްލްއިންވެސް ވަނީ ސިޓީގެ ގޯލަށް ދޭތެރެ ދޭތެރެއިން ނުރައްކާ ކޮށްފައެވެ.

މިމެޗްގައި ސިޓީގެ ތިންވަނަ ލަނޑު މެޗްގެ 61 ވަނަ މިނެޓްގައި ޖަހާދިނީ ރޮޑްރީއެވެ. އަދި ހަތަރު ވަނަ ލަނޑު މެޗްގެ 90 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިޔާ ފިލް ފޯޑަން ޖަހާދިން އިރު، ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ސްޓަރލިންގއެވެ.

މިކާމިޔާބީއާއެކު ސިޓީއަށް މިހާރުވަނީ ކުޅުނު 35 މެޗުން 86 ޕޮއިންޓް ލިބިފައެވެ. އެހެން ކަމުން މިކާމިޔާބިއާއެކު ސިޓީއަށް މިވަނީ ދެވަނައިގާ އުޅޭ ލިވަޕޫލްގެ މައްޗަށް ތިން ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އަދި މިމެޗްގައި ޖެހި ފަސް ލަނޑާއެކު ފައިދާ ގޯލަށް ބަލާއިރުވެސް މިހާރު ކުރީގައި އުޅެނީ ސިޓީއެވެ. އެއީ ފައިދާ ހަތަރު ގޯލްގެ ތަފާތުންނެވެ.

މިހާރު ކޮންމެ ޓީމަކަށް ބާކީ ތިން މެޗް އޮތް އިރު ސިޓީއަށް ފުރުސަތު ބޮޑު ނަމަވެސް ކޮންމެ ކޮޅަކަށްވެސް ނަތީޖާ އެނބުރިގެން ހިނގައިދާނެކަމަށް ގިނަ މީހުން ގަބޫލް ކުރެއެވެ. މިމެޗުން ބަލިވިވުމުން ނިއުކާސްލް އުޅެނީ ކުޅުނު 36 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.