ޚަބަރު

ފުރަތަމަ ކުއާޓަރގައި އެމްޓީސީސީން 108 މަޝްރޫޢެއް ކުރިއަށްގެންދިޔަ


މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެމްޓީސީސީން 108 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރއާ އަޅާ ބަލާއިރު އިތުރު އަދަދެކެވެެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި އެމްޓީސީސީން ކުރިއަށް ގެންގޮސްފައިވަނީ 103 މަޝްރޫޢުއެވެ.

އެމްޓީސީސީން ޢާއްމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާގޮތުން މި 108 މަޝްރޫޢުގެ ތެރޭގައި ބަނދަރު ހެދުމުގެ 48 މަޝްރޫޢަކާއި، ބިން ހިއްކުމުގެ 14 މަޝްރޫޢަކާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ 21 މަޝްރޫޢަކާއި އެއަރޕޯޓް ތަރައްޤީކުރުމުގެ 3 މަޝްރޫއެއް ހިމެނެއެވެ.

އެމްޓީސީސީން ވަނީ 8 މަޝްރޫޢެއްގެ މަސައްކަތް މިއަަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެމަޝްރޫޢުތަކުގެ ތެރޭގައި ފ. ދަރަނބޫދޫ، ނ. މިލަންދޫ އަދި ބ. ފުޅަދޫ ބަނދަރު ހެދުމުގެ މަސައްކަތާއި، ރ. އުނގޫފާރުގެ މައި މަގުތައް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައިވަނީ އައު 14 މަޝްރޫޢެއްގެ މަސައްކަތް ފަށާފައެވެ. އަދި އައު 15 މަޝްރޫއެއް ވަނީ އެމްޓީސީސީއާ ޙަވާލުކޮށްފައެވެ.

މާލީގޮތުން އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރއަކީ ކާމިޔާބު ކުއާޓަރއެކެވެ. ފުރަތަމަ ކުއާޓަރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 75 މިލިއަން ރުފިޔާ ވަނީ އެމްޓީސީސީއަށް ލިބިފައެވެ. މިއީ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ނަތީޖާއާއި އަޅާބަލާއިރު %3.8 އިތުރު އަދަދެކެވެ. އަދި ފުރަތަމަ ކުއާޓަރގައި ޖުމްލަ 550 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 88 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ ހޯދާފައެވެ.