ޚަބަރު

ފުލުހެއްގެ ސައިކަލްގައި ރޯކޮށްލި މީހަކަށް ދައުވާކުރަން ފޮނުވައިފި


ނ. މިލަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލްގައި ރޯކޮށްލި މީހަކަށް ދައުވާކުރަން ފޮނުވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެެރަލްގެ އޮފީހުން ވިދާޅުވީ ދައުވާކުރަން ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ 18 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ނ. މިލަދޫ، މާގަސްދޮށުގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައިގައިކަމަށެވެ.

މިމައްސަލައިގައި ދައުވާކޮށްފައިވަނީ ނ. މިލަދޫ، ފަތަގުމާގެ، ޢަބްދުﷲ ޝުހާދު އަޙްމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޤާނޫނުލްއުޤޫބާތުގެ ދަށުން މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދަޢުވާއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މިމައްސަލައިގައި ދައުވާކުރުމަށް ނ. މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހުކުރުދުވަހުކަމަށެވެ.