ކުޅިވަރު

ރަނގަޅު ކުޅުމަކާއެކު ކާމިޔާބު ހޯދަން ބޭނުން: ޒީކް


މި ފަހަރުގެ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ރަނގަޅު ކުޅުމަކާއެކު ކާމިޔާބު ހޯދަން ބޭނުންވާ ކަމަށް ޒުވާން ޓީޓީ ޓީމުގެ ކުޅުންތެރިޔާ ޒީކް ހަސަން ލަތީފް ބުނެފިއެވެ.

"ޕީއެސްއެމް ސްޕޯޓްސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ޒީކް ބުނީ މި މުބާރާތައް ޒުވާން ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަމަށެވެ. އަދި ކުރިއަށް އޮތް މުބާރާތުގައި ސަޕޯޓަރުންގެ ކުރިމަތީ ރަނގަޅު ކާމިޔާބީއެއް ހޯދަން އޮތީ ތައްޔާރަށް ކަމަށްވެސް ޒީކް ބުންޏެވެ.

ޒީކް ބުނީ މި މުބާރާތައް ނުކުންނައިރު އޭނާގެ އެންމެ ބޮޑު އަމާޒަކީ ރަނގަޅު ކުޅުމަކާއެކު ކާމިޔާބީތައް ހޯދަން ކަމަށެވެ، އަދި ޓީމް އިވެންޓުގައި މެޑައްޔެއް ހޯދުން އެއީ ޒުވާން ފިރިހެން ޓީމުގެ އަމާޒުކަމަށް ޒީކް ބުންޏެވެ.

މި މުބާރާތަށް ރާއްޖޭގެ ޓީމުން މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިރު، ފަރިތަކުރުންތަކުގައި ކްރޮއޭޝިއާގެ ދެ ކުޅުންތެރިންނާއި ކޯޗަކުވެސް ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުގައި އެތުލީޓުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީ ލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާން ހިމެނެއެވެ.