ކުޅިވަރު

ޖޫނިއާ ޓީޓީ މުބާރާތުގެ ރަސްމީ ލަވަ މެޑަމް ފަޒްނާ އިފްތިތާހުކޮށްދެއްވައިފި


ހޯމަ ދުވަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޓޭޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ރަސްމީ ލަވަ ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަޙްމަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ޖޫނިއާ ޓީޓީ ޓީމާ ބައްދަލުކުރައްވައި މެޑަމް ފަޒްނާ ވަނީ ޓީމަށް ހިތްވަރު ދެއްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ފަޒްނާ ވިދާޅުވީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖޭގެ ޓީމުން ހޯދި ކާމިޔާބީ ތަކުރާރުކުރަން މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ.

މި ހަފްލާގައި ޖޫނިއާ ޓީޓީ ޓީމުން ވަނީ މި މުބާރާތުގައި އެ ޓީމުން ބޭނުން ކުރާ ޖާޒީ މެޑަމް ފަޒްނާއަށް ހަދިޔާ ކޮށްފައެވެ.

މި ހަފްލާގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްގެ އިތުރުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު (އައްޔަ)ގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރު ހީނާ އަޙްމަދު ސަލީމުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޖޫނިއާ ޓީޓީ މުބާރާތުގެ ރަސްމީ ލަވަ ކިޔާފައިވަނީ ސިމްބޮލިކް މިއުޒިކްގެ ފަންނާނުންނެވެ. އަދި މި ލަވައިގެ އެޑިޓިންގ ހަދާފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިންނެވެ.

މި ފަހަރުގެ މުބާރާތުގައި އެތުލީޓުން ބައިވެރިވާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީ ލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާން ހިމެނެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ ކެޑޭޓް ބައިގެ ފައިނަލުގައި ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ދީމާ ވަނީ ކުޅެފައެވެ.