ޚަބަރު

މީހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު ދެމީހުން ހައްޔަރުކޮށްފި


ކ.މާފުށީގައި ބަޔަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މާފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން 20 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށާއި، އެމީހުން ހައްޔަރުކޮށްފައިވަނީ މާފުށިން މާލެ އައިތަނުންކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ އިތުރަށް ތަހްގީގްކުރަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފާއިތުވީ ދުވަސްތަކަށް ބަލާއިރު މާލެއާއި ހުޅުމާލޭ ސަރަޙައްދުގައި ވަޅިން ހަމަލާދިނުމާއި މާރާމާރީ ހިންގުން ވަނީ އިތުރުވެފައެވެ. މިކަމާއި ގުޅިގެން ފުލުހުން އަންނަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މީހުން އާންމުގޮތެއްގައި އެއްވާ ސަރަޙައްދުތައް މޮނިޓާކޮށް ބެލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.