ޚަބަރު

ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އިތުރު 4،000 ގެދޮރު އަޅަނީ


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އިތުރު 4،000 ގެދޮރު އެޅުމަށް އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ސަރުކާރުން ނިންމައިފިއެވެ.

1967ވަނަ އަހަރުން ފެށިގެން އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީއާއީ އިރުމަތީ ޤުދުސްގެ ބިންތަކުގައި ޔަހޫދީންގެ 250 އާބާދީވަނީ ޤާއިމުކޮށްފައެވެ. އެ ބިންތަކުގައި ޒަމާނުއްސުރެ ދިރިއުޅުނު ފަލަސްޠީނުގެ ރައްޔިތުން ބޭރުކުރުމަށްފަހު އެ ސަރަޙައްދުތަކުގައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް 750،000 ޔަހޫދީންވަނީ ވަޒަންވެރިކުރުވައިފައެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އިތުރު 4،000 ގެދޮރު އެޅުމަށް ނިންމާފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އިސްރާއީލަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވަނިކޮށެވެ. މިދިޔަ އޮކްޓޯބަރު މަހުވެސް ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް އިތުރު 3،000 ގެދޮރު އެޅުމަށް ނިންމިއެވެ. އިސްރާއީލުގެ ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް އަނެއްކާވެސް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވާނެއެވެ.

ދާދިފަހުން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އޮންނަ އަލް ޚަލީލު ކައިރީގައި އޮންނަ އަށް އަވަށެއް ހުސްކުރަން އިސްރާއީލުގެ ސުޕުރީމު ކޯޓުން ޙުކުމުކޮށްފައިވެއެވެ. އެ ޙުކުމުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނުގެ 1،000އަށްވުރެ ގިނަ މީހުންގެ ގެދޮރުގެއްލޭނެއެވެ.