ޚަބަރު

6 މޭގެ ހަމަލާ: އެއްވެސް ބަޔަކު ފަންޑެއް ނުކުރޭ، މީ ނަފްރަތާއި ރުޅިވެރިކަމުގެ އަމަލެއް - ތަހުޤީގު


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޙަމަލާގައި ބައިވެރިވި އެއްވެސް މީހަކަށް އެއްވެސް ފަރާތަކުން މާލީގޮތުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްދީފައިނުވާކަން ފުލުހުންގެ ތަހްގީގަށް ހާމަވެފައިވާކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުވެއްޖެއެވެ.

ތަހުޤީގަށް މިހާތަނަށް ހޯދި ހޯދުންތަކާއި ހެކިތަކަށް ބަލާއިރު މިހަމަލާ ރާވައި، އަދި ހަމަލާދިން މީހުންގެ ފަހަތުގައި އޮތީ އެމީހުންގެ އަމިއްލަ މަގުސަދެއްކަމަށް މީގެކުރިންވެސް ފުލުހުން ވަނީ ވިދާޅުވެފައިއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ބޮމެއް ހަރުކޮށް، އެ ގޮއްވާލައިގެން ހަމަލާދީނީ މީގެ އަހަރެއް ކުރިން މަޖީދީމަގުން އެނަމިކުފާނުގެ ގެކޮޅު ކައިރިންނެވެ. މިހަމަލާއާ ގުޅިގެން 9 މީހަކު ހައްޔަރުކޮށް އެމީހުންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. އަދި މީގެތެރެއިން މި ޙަމަލާދިނުމުގައި ބޭނުންކުރި ބޮން ގޮއްވާލި މުޙައްމަދު އަދުހަމްގެ މައްޗަށް 23 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

މި ހަމަލާގެ ފަހަތު ގައި ފޮރުވިފައިވާ މީހުންނާއި، ފަންޑުކުރި މީހުން ހޯދުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކުން ގުޅިގެން ބޮޑު ތަހުގީގެއް އަންނަނީ ފުލުހުން އަދުވެސް ކުރަމުންނެވެ. މި ފައިލް ފުލުހުން އަދިވެސް ލައްޕައެއް ނުލައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ތަހުޤީގު ޓީމުގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލަކު ވިދާޅުވީ އެ ހަމަލާއަށް އެއްވެސް ބަޔަކު ފަންޑުކޮށް މާލީ ގޮތުން އެއްވެސް އެހީތެރިކަމަށް ފޯރުކޮށްދީފައިވޭތޯ ފުޅާ ދާއިރާއެއްގައި ތަހުޤީގު ހިންގާ ބަލާފައިވާކަމަށެވެ. އެގޮތުން މި މައްސަލާގައި ހިމެނޭ މީހުންނާއި އެމީހުންނާއި އެއްވެސް ގުޅުމެއް ޮއންނަކަމަށް ބެލެވޭ ހުރިހާ ނެޓްވޯކްތަކަށް ޓާގެޓްކޮށް ތަހުޤީގު ވަނީ ހިންގާފައެވެ. މީގެތެރޭގައި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ޢާއީލީ މީހުންނަށްވެސް ބަލާފައިވާކަން ތަހުޤީގުން އެނގެއެވެ.

މި ތަހުޤީގުގައި އިސްކޮށް ހަރަކާތްތެރިވި އޮފިޝަލު ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން މި މައްސަލާގައި ކިރިޔާވެސް ޝާމިލުވާކަމަށް ތުހުމަތުކުރެވޭ އެންމެންގެ މައްޗަށްވެސް ދައުވާ އުފުލާފައިވާކަމަށެވެ. އެހެންނަމަވެސް އެމީހުންގެ ޝަރީއަތް ލަސްވަމުން އަންނާތީ އޭނާވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ޝަރީޢަތް ލަސްވުމުގެ ނަތީޖާއަކީ މައްސަލައިގެ ހެކިބަސްދޭ މީހުންނާ ހެކިންނަށް ނުފޫޒު ފޮރުވުމާ ހެކިން ކަންކަން އަސްލުވެސް ހަނދާން ނެތުމާ އެހެން ކަހަލަ މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު އޮންނާނެކަމެއް އެކަމަކީ." އޮފިޝަލް ވިދާޅުވިއެވެ.

2 އަހަރުގެ މުޢާމަލާތުތައް ވަނީ ބަލާފައި

މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާއި، ހަރުކަށި ފިކުރުގައި ފެތުރުމުގައި މަސައްކަތް ކުރާ މީހުންގެ މިލްކިއްޔާތާއި، ގޭންގުތަކުގެ ތެރޭގައި މިބާވަތުގެ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދީ އުޅޭނެކަމަށް ބެލެވޭ މީހުންގެ މިދިޔަ ދެ އަހަރުގެ މާލީ ހުރިހާ މުއާމަލާތެއް ބަލާ ތަހުޤީގުކޮށްފައިވާކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ. އަދި މި ހަމަލާއާ އެމްއެމްޕީއާރސީގެ ޚިޔާނާތާ ގުޅުވައިގެންވެސް ވާހަކަދެކެވެމުން އަންނާތީ އެކަމާ ގުޅުންހުރި ހުރިހާ މުޢާމަލާތެއްވެސް ތަހުޤީގުން ބަލާފައިވާކަން ފުލުހުންގެ ތަހުޤީގުން އެނގެއެވެ.

ފުލުހުންނާއި ރާއްޖޭގެ މާލީ ހުރިހާ އިދާރާއެއް ހިމެނޭހެން އަދި އެފްބީއައި އާއި ޓެރަރިޒަމް ފައިނޭންސްއިންއާ ގުޅުންހުރި މާހިރުން މެދުވެރިކޮށް ބެލިބެލުމުންވެސް، ތަހްގީގަށް ފެންނަން އޮތީ ރައީސް ނަޝީދަށް ދިން ހަމަލާއަށް އެއްވެސް ފަރާތަކުން ފައިނޭންސް ކޮށްފައިނުވާކަމެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންނާއި އެމީހުންގެ އާއިލާއާއި، ގާތްތިމާގެ މީހުންނާއި، އެފަދަ ކަންކަން ކުރާނެކަމަށް ބެލެވޭ ނެޓްވޯކްތަކާއި ގޭންގުތަކުގެ މީހުންނާއި، ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކުރާކަމަށް ބެލެވޭ މީހުންގެ ހަރަކާތްތަކާއި މުއާމަލާތްތައްވެސް މޮނިޓަރކޮށް ފުލުހުން ބަލާފައިވެއެވެ.

ރާއްޖޭގައި ހުރި ހުރިހާ ޑޭޓާތަކާއި އެނޫންވެސް މާލީ އިދާރާތަކުގައި ހުރި މައުލޫމާތުތައްވެސް ބެލުމުންވެސް މި ހަމަލާ ދިނުމަށް ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުންވެސް އެއްވެސް ބަޔަކު އެއްވެސް ވަރަކަށް ފައިނޭންސްކުރިކަން ފެނިފައިނުވާކަން ފުލުހުންގެ ތަހުޤީގަށްވަނީ އެނގިފައެވެ.

"ރާއްޖޭގެ ފައިނޭޏްޝަން އިންސްޓިޓިއުޓް ނުވަތަ މާލީ އިދާރާތަކާއި ފުލުހުން ގުޅިގެންވެސް ބެލިބެލުމުން އެއްވެސް ނެޓްވޯކެއްގެ ތެރެއިން މިކަމަށް ފައިނޭންސް ކުރިކަމެއް މިހާތަނަށް ފާހަގަ ނުކުރެވޭ." އޮފިޝަލް ވިދާޅުވިއެވެ.

މިކަހަލަ މީހުން ކަންކުރަނީ ހަމައެކަނީ ފައިސާއަކަށް ނޫން

ޓެރަރިޒަމްގެ މިފަދަ ބައެއް މައްސަލަތަކަކީ ހަމައެކަނި "މަނިޓަރީ ރިވާޑް" ނުވަތަ މާލީ ފައިދާއެއް އޮވެގެން ކުރާ ކަމެއްނޫންކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ. ބޭރުގެ އެހެން ޤައުމުތަކުގައިވެސް މިބާވަތުގެ ކަންކަން ހިނގާފައިވާގޮތަށް ބަލާއިރު، އަގީދާއާއި ގުޅިގެން އުފެދޭ ނަފްރަތާ ރުޅިވެރިކަމުގެ ބަދަލު ހިފުމުގެ ގޮތުން ނުވަތަ ދީނަށް ނަޞްރު ދިނުމުގެ ގޮތުން ކުރާ ކޮންމެ ފަހަރަކީ އެކަމުގައި "މާސްޓަ މައިންޑެއް" ނުވަތަ ފައިނޭންސް ކޮށްގެން ހިނގާ ކަންކަމެއް ނޫންކަން އެ އޮފިޝަލް ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި ބައެއް ކަންކަމަކީ އަމިއްލައަށް "އިންސްޕަޔަރ" ވެގެން ހިންގާ ކަންކަންކަމަށްވެސް ވިދާޅުވިއެވެ.

" ދެ ވައްތަރެއްގެ ފައިނޭންސް މިފަދަ ބާވަތުގައި ހިމެނޭ. އެއް ބާވަތަކީ އެފަދަ އެޓޭކެއް ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ކުދިކުދި ޚަރަދުތައް. މިސާލަކަށް ބޮން ހެދުމަށް ބޭނުންވާ އެއްޗެހި ގަތުމާ ވެހިކަލް ހޯދުމާ އެމީހުން ސޭފް ހައުސް ހެދުމާ މިބާވަތުގެ ކަންކަން ކުރުން. އަޅުގަނޑުމެންގެ އިންވެސްޓިގޭޝަންގައި އެމީހުންގެ އޮޕަރޭޝަން ކޮސްޓްގެ ގޮތުގައި ޚަރަދުކުރި ކަންތައްތަކާ ފައިސާ ދިޔަ ރޫޓާ އެމީހުން ކާކު ކޮން ޚަރަދެއްކަން ކުރީ، އެފަދަ މަޢުލުމާތުތައް ލިބިފައި އެބަހުރި ދައުވާކުރުމުގެ ބޭނުމަށް." އޮފިޝަލް ވިދާޅުވިއެވެ.

ކުރިން އުޅުނު ގޮތާއި ފަހުން އައި ބަދަލުވެސް ވަނީ ބަލާފައި

މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންގެ ދިރިއުޅުމާއި އެމީހުންގެ އާއިލާގެ ފެންވަރާއި އެމީހުންގެ "އެސެޓްސް" ނުވަތަ މުދަލާއި، އެމީހުން ހަމަލާގެ ކުރިއަށް އުޅުނުގޮތާ ހަމަލާގެ ފަހުން އައިސްފައިވާ ބަދަލުތަކާ މި އެއްޗެހި އެނަލައިޒްކުރުމުންވެސް އަސްލު މަނިޓަރީ ރިވާޑެއް ލިބިގެން އުޅޭކަހަލަ މަންޒަރެއް ނުފެންނަކަމަށް އޭނާ ވިދާޅުވިއެވެ. އެކަހަލަކަމެއް ފާހަގަކުރެވޭ ވަރުގެ މަޢުލޫމާތެއް ހަގީގަތުގައިވެސް ނެތްކަމަށާއި ނެތް މައުލޫމާތެއްގެ މައްޗަށް ތަހުގީގް ފުޅާނުކުރެވޭނެކަންވެސް އޭނާ ފާހަގަކުރިއެވެ.

"އެއްވެސް ދިމާލައަކުން އެއްވެސް ބަޔަކު ބޮޑު އަދަދަކުން ފައިސާ ދީގެން ކޮށްފައިވާކަމެއްކަމެއް އަދި ދިރިއުޅުމާ އިންކަމަށް އައި ބަދަލެއް ފެންނަން ނެތް. ވަރަށް ނޭނގޭ ގޮތަށް ކަމެއް ހިނގާފައިނުވާނެވާހަކައެއް ނޫން." އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މި ހަމަލާގެ މޯޓިވް ގުޅިފައިވަނީ ނަފްރަތާކަން ތަހްގީގަށް ފާހަގަކުރެވިފައިވާކަމަށެވެ.

ރައީސް ނަޝީދަށް ހަމަލާދިން މީހުންނަކީ ދިވެހި ދައުލަތް ގަބޫލުކުރާ ބައެއް ނޫންކަމަށާ، ދިވެހި ބިމާއި ދައުލަތަކީ ކުފުރުގެ ދައުލަތެއްކަމަށް ޤަބޫލުކުރާ ބައެއްކަމަށް ތަޙްޤީގަށް އެނގިފައިވާކަމަށް ފުލުހުން މީގެކުރިން ވިދާޅުވެފައިވެއެވެ. އަދި ދިވެހި ދަޢުލަތުގެ ފައިސާއަކީ ޙަރާމް އެއްޗެއްކަން އެމީހުން ދެކުނުނަމަވެސް އޭގެ ތެރެއިން ބައެއް މީހުންނަކީ ސަރުކާރުގެ އިންކަމް އެލެވެންސާއި އެންސްޕާގެ އެހީވެސް ހޯދަމުން އަންނަ ބައެއްކަންކަން ފުލުހުން ހާމަކުރައްވާފައިވެއެވެ. އަދި އެމީހުންގެ ފޯނުތަކާއި އިލެކްޓްރޯނިކް ޑިވައިސްތަކުން ފެނުނު ތަކެތިން އެމީހުން ދައްކާ ދީނުގެ ވާހަކަތަކާއި އެމީހުންގެ އަމަލުތައް ދިމާނުވާކަން ފާހަގަވާކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ޖުމްލަ ނުވަ މީހަކު ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ބޮން ގޮއްވާލަން ރިމޯޓަށް ފިއްތާލި އަދުހަމް އަހުމަދު ވަނީ އޭނާއާ ދެކޮޅަށް ކުރި ދައުވާތަކަށް އިއުތިރާފްވެފައެވެ. އޭނާގެ މައްޗަށް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އެ ހަމަލާގައި ދެން އެންމެ އިސްކޮށް އުޅުނު މުޙައްމަދު ތަސްލީމާއި ޢަބްދުﷲ ޢަލި މަނިކުގެ ޝަރީއަތް އަންނަ ސެޕްޓެމްބަރަށް ނިންމާލުމަށް އެމައްސަލަ ބައްލަވާ ގާޒީ ވަނީ ތާވަލުކޮށްފައެވެ. އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތަހުމީން އަޙްމަދާއި މުޖާޒް އަހުމަދާއި އަލީ ހައިޝަމް އާއި މުހައްމަދު ނާޒިމް އާއި އިސްހާގާއި ފަހުމީ އަލީގެ މައްސަލަތައް އުޅެނީ ކޯޓު މަރުހަލާގެ ކުރީކޮޅުގައެވެ.