ދުނިޔޭގެ ވިޔަފާރި

ޓްވިޓަރގެ އާމްދަނީ 5 ބިލިއަނުން 28 ބިލިއަން ޑޮލަރަށް އިތުރުކުރުމުގެ ޕްލޭންތަކެއް

2028 ވަނަ އަހަރު އަންނަންވާއިރަށް ޓްވިޓަރއަށް ލިބޭ އާމްދަނީ 26 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް އިލާން މަސްކު ބޭނުންވާކަމަށް ހަބަރުތައް ބުނެފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާކަމަށް ފޯބްސްއިން ބުނާ އިލާން ވަނީ 44 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަތުމަށް ހުށަހަޅާފައެވެ. އަދިި ޓްވިޓަރއިންވެސް ވަނީ އެ ހުށަހެޅުމަށް އެއްބަސްވެފައިވާކަމަށް ހަބަރުތައް ބުނެއެވެ.

މަޝްހޫރު ނިއުޔޯކް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްވިޓަރގެ އިންވެސްޓަރުންނަށް އިލާން މަސްކު ހުށަހެޅި ކަންކަމުގެ ތެރޭގައި އެކުންފުނީގެ އާމްދަނީ އިތުރުކުރުން ހިމެނެއެވެ. އެގޮތުން މިދިޔަ އަހަރު ޓްވިޓަރއަށް އާމްދަނީގެ ގޮތުގައި 5 ބިލިއަން ޑޮލަރު ލިބުނުއިރު، 2028 ވަނަ އަހަރު އަންނަންވާއިރަށް އެކުންފުންޏަށް ލިބޭ އާމްދަނީ 26.4 ބިލިއަން ޑޮލަރަށް އިތުރުކުރުމުގެ ޕްލޭންތަކެއް އިލާން ވަނީ ހުށަހަޅާފައެވެ.

ޓްވިޓަރއަށް މިހާރު ލިބޭ އާމްދަނީގެ 90 އިންސައްތައަކީ އިޝްތިހާރުތަކުން ލިބޭ އާމްދަނީއަށްވާއިރު، އިލާންގެ ޕްލޭންގައި ވަނީ އިޝްތިހާރުކޮށްގެން ލިބޭ އާމްދަނީ 45 އިންސައްތައަށް ކުޑަކުރުމަށް ހުށަހަޅާފައެވެ. އެހެންކަމުން 2028 ވަނަ އަހަރު އިޝްތިހާރުކޮށްގެން ޓްވިޓަރއަށް ލިބޭނެ އާމްދަނީއެއްގެ ގޮތުގައި ލަފާކޮށްފައިވަނީ 12 ބިލިއަން ޑޮލަރެވެ. އަދި ޓްވިޓަރ ބޭނުންކުރާ މީހުންގެ އަތުން ނަގާ ސަބްސްކްރިޕްޝަން ފީއާއެކު އިތުރު 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް އިލާންގެ ޕްލޭންތަކުގައިވެއެވެ.

އިލާންގެ ޕްލޭންތަކުގައިވާ ގޮތުން މިހާރު 15 މިލިއަން ޑޮލަރު ލިބޭ ޓްވިޓަރގެ ޕޭމަންޓް ބިޒްނަސްއިން 2028 ވަނަ އަހަރު 1.3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެއެވެ.

ހަބަރުތައް ބުނާގޮތުން 44 ބިލިއަން ޑޮލަރަށް އިލާން މަސްކު ޓްވިޓަރ ގަތުމުގެ މުއާމަލާތްތައް ވަރަށް އަވަހަށް ނިންމޭނެއެވެ. އަދި އެކުންފުނީގެ ވަގުތީ ސީއީއޯގެ މަޤާމަށް އިލާން މަސްކު ވަރަށް އަވަހަށް ހަމަޖެހިގެންދާނެއެވެ.

ފޯބްސްއިން ބުނާގޮތުން އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާ އަދި ޖައްވީ މަސައްކަތްތައް ކުރާ ސްޕޭސް އެކްސްގެ ވެރިޔާ އިލާން މަސްކަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތުގެ އަގު 273 ބިލިއަން ޑޮލަރަށް އަރާކަމަށް ފޯބްސްއިން ބުނެއެވެ.