ޚަބަރު

ރަޝިޔާއަށް އިތުރު ދަތިކުރުމުގެ ފިޔަވަޅެއް އެޅޭކަށް ނެތް: ހަންގޭރީ


ހުޅަނގުގެ ބާރުތަކުން ބޭނުންވި ނަމަވެސް ރަޝިޔާއާ ދެކޮޅަށް އިތުރު އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅެއް އެޅެން ނެތްކަމަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްތޯ އޮރްބާން ވިދާޅުވެއްޖެއެވެ.

ރަޝިޔާއާ ދެކޮޅަށް ހަވަނަ ބުރުގެ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ހުޅަނގުގެ ބާރުތަކުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި އޮރްބާން ވިދާޅުވީ ވިލާތުގެ ކޮމިޝަނުން ބޭނުންވަނީ ރަޝިޔާއިން ތެޔޮގަތުން ހުއްޓާލަންކަމަށާއި އެއީ ހަންގޭރީއަށް ތަންފީޒުކުރެވޭނެ ނިންމުމެއް ނޫންކަމަށެވެ. އަދި އެފަދަ ނިންމުމެއް ތަންފީޒުކުރުމަކީ ހަންގޭރީގެ އިޤްތިޞާދަށް އެޓޮމިކް ބޮމެއް ވައްޓާލުންފަދަ ކަމެއްގެ ގޮތުގައި އޮރްބާންވަނީ ފާހަގަކުރައްވައިފައެވެ. އެހެންކަމުން އެ ޤައުމަށް ތަންފީޒުކުރެވޭނެފަދަ ފިޔަވަޅަކާމެދު ވިލާތުގެ ކޮމިޝަނާ މަޝްވަރާކުރައްވަން ބޭނުންފުޅުވާކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝިޔާއާ ދެކޮޅަށް އަޅަން ވިލާތުގެ ކޮމިޝަނުން ބޭނުންވާ ފިޔަވަޅުތަކުގެ ތެރޭގައި ކުރިޔަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި ރަޝިޔާއިން ތެޔޮގަތުން ހުއްޓާލުން ހިމެނެއެވެ. ނަމަވެސް އެއީ ހަންގޭރީއާއި ސުލޮވޭކިޔާއާއި ޗެކް ރިޕަބްލިކާއި ބަލްގޭރިޔާފަދަ ޤައުމުތަކަށް ތަންފީޒުކުރެވޭނެ ފިޔަވަޅުތަކެއް ނޫނެވެ. ހަންގެރީއަށް ބޭނުންވާ %65 ތެޔޮ ފޯރުކޮށްދެނީ ރަޝިޔާއިންނެވެ. އެހެންކަމުން އެ ޤައުމުން ރަޝިޔާގެ ތެޔޮގަތުން ހުއްޓާލުމަށް މަދުވެގެން ފަސް އަހަރު ބޭނުންވާނެއެވެ. ވިލާތުގެ އެހެން ޤައުމުތަކާ ޚިލާފަށް ރަޝިޔާގެ ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިނަށް ހަތިޔާރު ފޮނުވަންވެސް ހަންގޭރީންވަނީ ފަސްޖެހިފައެވެ.

ވިލާތުގެ އިއްތިޙާދުގައި ހިމެނޭ 27 ޤައުމުން ރަޝިޔާއިން ތެޔޮގަތުން ހުއްޓާލަން މަސައްކަތްކުރި ނަމަވެސް ރަޝިޔާގެ ބަދަލުގައި ތެޔޮ ގަންނާނެ ގޮތްތަކެއް ހާމަކޮށްފައެއް ނުވެއެވެ. މެދުއިރުމަތީގެ ޤައުމުތަކުން މީގެ ކުރިން ބުނެފައިވަނީ ރަޝިޔާއިން ފޯރުކޮށްދޭ ޢަދަދަށް ވިލާތުގެ ޤައުމުތަކަށް ތެޔޮ ފޯރުކޮށްދޭން އަހަރުތަކެއް ނަގާނެކަމަށެވެ.