ޚަބަރު

އިނގިރޭސިވިލާތުގެ ރައްޔިތުން ސަރުކާރަށް ރަނގަޅު ފިލާވަޅެއް ދީފި


އިނގިރޭސިވިލާތުގެ ބައެއް ސަރަޙައްދުތަކުގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޤައުމުގެ ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންނަށް އޮންނަ ތާޢީދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި އެ ޤައުމުގެ ވެރިރަށް ލަންޑަނުގެ މުޙިއްމު ކައުންސިލުތަކެއްވަނީ ވެރިކަންކުރާ ކޮންސަވޭޓިވު ޕާޓީއަށް ގެއްލިފައެވެ. އެ ގޮތުން ކޯވިޑް-19ގެ ފުރަބަންދުގެ ދުވަސްވަރުގައި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ޕާޓީއެއް ބޭއްވިކަން ހާމަވުމުން ރުޅިގަދަވެފައިވާ ޢާއްމުންވަނީ ލަންޑުނުގެ ވެންޑްސްވޯތު ކައުންސިލުން ކޮންސަވޭޓިވު ޕާޓީ ބޭރުކޮށްފައެވެ. އެއީ 1978ވަނަ އަހަރުގެ ފަހުން އެ ކައުންސިލް ކޮންސަވޭޓިވު ޕާޓީއަށް ގެއްލުނު ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން ބޭނެޓުގެ ކައުންސިލުވެސް އެ ޕާޓީއަށްވަނީ ގެއްލިފައެވެ. 1964ވަނަ އަހަރުގެ ފަހުން އެ ކައުންސިލް އެ ޕާޓީއަށް ގެއްލިފައިވަނީ އެންމެ ދެ ފަހަރުއެވެ. ބެލެވޭ ގޮތުގައި އިންތިޚާބުގައި އެ ޕާޓީއަށް 800 ގޮނޑި ގެއްލޭނެއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރަށް އެންމެ ބޮޑު ހިތްދަތިކަމަކާ ކުރިމަތިލާން ޖެހުނީ އެ ޤައުމުގެ އެންމެ ޝަރަފުވެރި ވެސްޓުމިންސްޓަރ ކައުންސިލް ގެއްލުމުންނެވެ. އެއީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހާއި އެ ނޫންވެސް ދަޢުލަތުގެ މުވައްސަސާތައް ހުންނަ ސަރަޙައްދެވެ. އަދި އެއީ އިދިކޮޅު ލޭބަރ ޕާޓީއަށް އެ ކައުންސިލް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. އޭގެ އިތުރުން އިނގިރޭސިވިލާތުގެ ދެކުނުގެ ސަރަޙައްދުތަކުންވެސް ޖޮންސަންނަށް ދީފައިވަނީ ފިނި ތަރުޙީބެކެވެ. އެއީ ޒަމާނުއްސުރެ ކޮންސަވޭޓިވު ޕާޓީގެ ވަރުގަދަ ސަރަޙައްދުތަކެކެވެ. ނަމަވެސް އެ ޤައުމުގެ އުތުރާއި މެދުތެރޭ ސަރަޙައްދުތަކުގެ ކައުންސިލުތައް އެ ޕާޓީންވަނީ ދިފާޢުކޮށްފައެވެ.

2019ވަނަ އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގައި ބޭއްވި ޢާއްމު އިންތިޚާބު ކޮންސަވޭޓިވު ޕާޓީން ކާމިޔާބުކޮށްފައިވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ނަމަވެސް ބޮޑުވަޒީރުގެ މަޤާމުގައި ޤާނޫނާއި ޤަވައިދާ ޚިލާފަށް ޢަމަލުކުރައްވަން ފެށުމުން ޖޮންސަންނަށްވަނީ ބޮޑެތި ގޮޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ. އެ ގޮތުން 2020ވަނަ އަހަރުގެ ފުރަބަންދުގެ ދުވަސްވަރުގައި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ޕާޓީއެއް ބޭއްވިކަން ހާމަވުމުން ޖޮންސަންވަނީ ޖޫރިމަނާވެސްކޮށްފައެވެ. އެއީ އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު ޤާނޫނާއި ޤަވައިދާ ޚިލާފަށް ޢަމަލުކުރެއްވިކަން ސާބިތުވި ފުރަތަމަ ފަހަރެވެ.