ޚަބަރު

އަނެއްކާވެސް ލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި


މަސްދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް ސުރީ ލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފިއެވެ.

ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ނާޒުކު ޙާލަތާމެދު ހިތްހަމަނުޖެހުން ފާޅުކުރަން އެ ޤައުމުގެ ޢާއްމުން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް މިދިޔަ އޭޕުރިލް މަހުގެ 1ވަނަ ދުވަހުވެސް އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް ކާފިޔުއެއް ތަންފީޒުކޮށްފައިވެއެވެ. ނަމަވެސް ސަރުކާރުގެ ޢަމުރަށް ކިޔަމަންނުވެ އެ ޤައުމުގެ ޢާއްމުންވަނީ މުޒާހަރާތައް ކުރިޔަށްގެންގޮސްފައެވެ. އެއާއެކު ދެ ހަފުތާފަހުން ކުއްލި ނުރައްކަލުގެ ޙާލަތު އުވާލަން ސަރުކާރަށް މަޖުބޫރުވިއެވެ.

ފަސް ހަފުތާގެ ތެރޭގައި ދެވަނަ ފަހަރަށް ސުރީ ލަންކާގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވަނީ އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ ޤައުމު ހުއްޓުމަކަށް އައިސްފައިވަނިކޮށެވެ. އެ ގޮތުން ފިހާރަތަކާއި ވިޔަފާރިތަކާއި މަދަރުސާތައް ބަންދުކޮށް އެތައް ހާސް ބަޔަކުވަނީ މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަން ފަށައިފައެވެ. އެއާއެކު އެ ޤައުމުގެ ވެރިރަށް ކޮލޮންބޯގެ ޢާއްމު ދަތުރުފަތުރުކުރުމުގެ ނިޒާމުވަނީ ހުއްޓުމަކަށް އައިސްފައެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުންވަނީ ބާރުގެ ބޭނުންކޮށް ކަރުނަގޭހާއި ފެންޖަހައިފައެވެ.

ފާއިތުވި ދުވަސްތަކުގެ ތެރޭގައި މުދައްރިސުންނާއި ދަރިވަރުންނާއި ޞިއްޙީ ޚިދުމަތްތެރިން މުޒާހަރާއާ ގުޅުމުން ސަރުކާރާ ދެކޮޅަށް ބާއްވަމުންދާ ބޮޑެތި އެއްވުންތައްވަނީ ވަރަށް ވަރުގަދަވެފައެވެ. ނަމަވެސް އެ ޤައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަވަނީ އިސްތިޢުފާނުދެއްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ބަދަލުގައި އޭނާވަނީ އިދިކޮޅު ޕާޓީތަކާއެކު އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުންވަނީ މަހިންދަގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް އެ ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހަށް ހުށަހަޅައިފައެވެ.