ޚަބަރު

ބުދު ދީނުގެ އާސާރުތައް މަރާމާތުކުރާކަށް ނޫޅޭ ؛ އުޅެނީ ލަންދޫގައި ޕާކެއް ތަރައްޤީކުރަން


ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ބުނެ ފަތުރާ ވާހަކަތަކަކީ ސިޔާސީ ބޭނުމަށް ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ދައްކާ ވާހަކަތަކެއްކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް، އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ބުނެ ހަޤީޤަތާއި ޚިލާފަށް، ފިތުނަ އުފެދޭގޮތަށް ބައެއް މީޑީއާތަކުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ގުޅޭގޮތުން އެ މަރުކަޒުން ނެރުނު ބަޔާނުގައެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ނެރުނު ބަޔާނުގައި ވިދާޅުވީ ނ. ލަންދޫ މާބަދިގެ ސަރަޙައްދުގެ ފޮޓޯ ބޭނުންކޮށްގެން އެ ސަރަޙައްދުގައި ހުރިކަމަށް ބެލެވޭ ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވީނަމަވެސް، އެ ސަރަޙައްދުގައި ހިންގަން ރާވާފައިވާ މަޝްރޫޢުގައި ހިމެނެނީ ދާރުލްއާސާރެއް ބިނާކުރުމާއި، ހެރިޓޭޖް ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތްކަމަށެވެ. އަދި މި މަޝްރޫޢަކީ ދިވެހި ސަރުކާރުން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލަކަށް ބިނާކޮށް އިންޑިއާ ސަރުކާރުން ލިބިފައިވާ 4 މިލިއަން ރުފިޔާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެއްކަމަށް މަރުކަޒުން ވިދާޅުވެއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް މަރާމާތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރަމުންނުދާ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި އެ މަރުކަޒުން ހިންގާ އެކިއެކި މަޝްރޫޢުތައް އަބަދުވެސް ކުރިއަށް ގެންދަނީ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުއާ އޭގެ ރޫޙާ އެއްގޮތަށްކަމަށްވެސް ބަޔާނުގައި ވިދާޅުވިއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ މިފަދަ ދޮގު ޚަބަރުތަކަކީ ދިވެހީންގެ ދީނީ އެއްބައިވަންތަކަމާއި، މުޖުތަމަޢުގެ ހަމަޖެހުން ގެއްލި ދިވެހިންގެ ތެރޭގައި ފިތުނަފަސާދަ އުފެދި ބައިބައިވުމަށް މަގުފަހިވާނޭ އަމަލުތަކެއްކަމަށެވެ. އަދި ދިވެހިންގެ ދީނީ ލޯތްބާއި ދީނަށްޓަކައި އޮންނަ ޤުރުބާނީގެ ރޫޙް ނަހަމަގޮތުގައި ބޭނުންކޮށް، ސިޔާސީ ބޭނުމަށް ހިންގާ މިބާވަތުގެ އަމަލުތައް ކުށްވެރިކޮށް އެފަދަ އަމަލުތައް ހުއްޓައިލުމަށް ބަޔާނުގައި ވަނީ ގޮވާލާފައެވެ.