ޚަބަރު

ތެލެސީމިއާ ދުވަސް: އެންމެބޮޑު ކަންބޮޑުވުމަކީ ލޭ ލިބުމުގެ ދަތިކަން


ތެލެސީމިޔާ ބައްޔަކީ ރާއްޖޭގައިވެސް ވަރަށް ޢާއްމު ބައްޔެކެވެ. އެބަލީގެ ވޭން ތަޙައްމަލުކުރާ އެތައްބަޔަކު އެބަތިއްބެވެ. އެމީހުންނަށް ބޭނުންވާ އެކިއެކި ކަންކަން ފުރިހަމަކުރުމުމުގެ ވާހަކައާއި އެމީހުންގެ ވާހަ އެންމެ ބޮޑަށް ދައްކާ އެއް ދުވަހަކީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 8ވަނަ ދުވަހެވެ. އެއީ ދުނިޔޭގެ ތެލެސީމިޔާ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެވެ.

މިދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ ތެލެސީމިޔާގެ ސަބަބުން މި ދުނިޔެއާ އަލްވަދާޢު ކިޔާފައިވާ ކުދިންގެ ހަނދާން އާކުރުމާއި ތެލެސީމިޔާއާ ހަނގުރާމަ ކުރަމުންދާ ކުދިންނަށް ރަނގަޅު ހަޔާތެއް ހޯދައިދިނުމަށް ބާރު އެޅުމެވެ.

ތެލެސީމިއާ ކުދިންނަކީ، އެފަދަ ކުދިންނަށް މުޖުތަމަޢުން ފޯރުކޮށްދޭ ލޭގެ އެހީތެރިކަމަށް އަބަދުވެސް ބޭނުންޖެހިފައިވާ ބަޔެކެވެ. މިއަހަރުގެ ތެލެެސީމިޔާ ދުވަހުގެ ޝިއާރުވެސް ބިނާވެފައިވަނީ ހޭލުންތެރިވުމާއި އަޅާލުމައި އެހީތެރިވުމުގެ މައްޗަށެވެ. އާދެ، "Be aware, care and share"އެވެ.

ތެލެސީމިއާއަކީ ކޮބާ؟

ތެލެސީމިއާއަކީ ލޭގެ ބައްޔެކެވެ. މިއީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ބައްޔެކެވެ. މިބަލި އެހެން ގޮތަކުން ނުޖެހެއެވެ. ތެލެސީމިއާ ޖެހުމުން ލޭގައި ހިމެނޭ ހީމޮގްލޮބިން(އެޗް.ބީ)ފުރިހަމައަށް އުފައްދައެއް ނުދެއެވެ. ހީމޮގްލޮބިން އަކީ ލެއަށް ރަތްކުލަ ގެނެސްދީ އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާއަށް ކިޔާ ނަމެކެވެ. މިމާއްދާ އުފެދިފައިވަނީ ދެ ބީޓާ އަދި ދެ އަލްފާ ޗެއިން ގުޅިގެންނެވެ. ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލެސީމިއާއަށެވެ. އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލެސީމިއާއަށެވެ.

ރާއްޖޭގައި އެންމެ އާންމު ތެލެސީމިއާގެ ވައްތަރަކީ ބީޓާ ތެލެސީމިއާއެވެ. މީގެ އިތުރުންވެސް ތެލެސީމިޔާގެ އިތުރު 3 ވައްތަރެއް ރާއްޖޭގައި ފެނިފައިވެއެވެ. އެއީ ހީމޮގްލޮބިން އީ، ހީމޮގްލޮބިން ޑީ އަދި ސިކްލް ސެލްއެވެ.

ތެލެސީމިއާއަކީ ވަރަށް ޅައުމުރެއްގައި އޭގެ އަސަރު ފެންނަން ފަށާ ނުރައްކާތެރި ބައްޔެކެވެ. މިބަލި ހުންނަ ކުދިންގެ ގައިގައި ފުދޭވަރަކަށް ހީމޮގްލޮބިން އުފައްދައެއް ނުދޭނެއެވެ. މިހެންވުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ލިބުން މަދުވެ، ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުދެރަވެ ކުއްޖާގެ ހާލު ދެރަކޮށްލައެވެ. މިހެންވުމުން އެކުދިން ދިރިހުރުމަށްޓަކައި ތަކުރާރުކޮށް ލޭއަޅަން ޖެހެއެވެ.

އާންމުގޮތެއްގައި މިފަދަ ކުދިން ލޭ ހޯދާނީ ދެގޮތަކަށެވެ. އެއީ ތަލެސީމިއާ ކުދިންގެ އާއިލާތަކުން ހޯދާ ޑޯނަރުންނާއި، އަދި ކުންފުނިތަކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕުތަކުގައި ހަދިޔާ ކުރާ ލެއެވެ. މީގެ ތެރެއިންވެސް ބޮޑު ބައެއް ހިއްސާކުރަނީ ލޭ ހަދިޔާކުރުމުގެ ކޭމްޕްތަކެވެ.
އަމިއްލަ އިސްނެގުމުގެ މަތިން ދަރުމައަށްއެދި ލޭ ހަދިޔާކުރާ އިންސައްތަ ރާއްޖޭގައި އަބަދުވެސް ކުޑައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑްރިއޭޓިކްސް ޑރ.އަހްމަދު އުމަރު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ތެލެސީމިއާ ކުދިންގެ ގޮތުގައި ޖުމްލަ 928 މީހުންނާއި ކުދިން ރަޖިސްޓްރީވެފައި ވާކަމަށެވެ. އެހެންނަމަވެސް މިހާރު ދުނިޔޭގައި ތިބީ 662 ކުދިންކަމަށް ޑރ.އުމަރު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ދަނޑިވަޅުގައި މިފަދަ ކުދިންނަށް ލޭ ލިބުމުގައި ތަފާތު އެކިއެކި ދަތިތަކާ ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް އެއީ މާ ފަސޭހަ ކަމެއް ނޫންކަމަށާއި އެއީ އަބަދު ލިބޭ އެއްޗެއް ނޫން ކަމަށްވެސް ޑރ.އުމަރު ވިދާޅުވިއެވެ. އެހެންކަމުން މި މުޖުތަމައުގައި ޤަވާއިދުން ލޭ ހަދިޔާކުރާ ބަޔަކު ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މުޖުތަމައުގައި ތެލެސީމިއާ ކުދިން މަދުކުރުމަށްޓަކައި އަލަށް ޒަވާޖީ ހަޔާތް ފަށާއިރު، ޓެސްޓުކޮށް ކައިވެނިކުރާ ދެމީހުންނަކީ ކެރިއަރުން ނޫންކަމުގައި ވުމަކީ ވަރަށް މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ތެލެސީމިއާ ކުދިންނަކީވެސް މި މުޖުތަމައުގައި ވަރަށް މުހިންމު ބައެއްކަމާއި މިފަދަ ކުދިންނާއި މީހުން ބާކީ ނުކުރުމަށް ޑރ.އުމަރު އިލްތިމާސްކުރެއްވިއެވެ. އަދި މިފަދަ ކުދިންގެ ހައްގުގައި ލޭ ހަދިޔާ ކުރުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

ރާއްޖޭގައި ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާ ކުރުމުގެ ތަފާތު ކެމްޕެއިންތައް ތެލެސީމިޔާ ސެންޓަރުތަކާއި ގުޅިގެން ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި އަންނަނީ ބާއްވަމުންނެވެ.

މިދުވަސް ފާހަގަ ކުރަމުންދާއިރު ތެލެސީމިޔާ ކުދިންނާއި އެކުދިންގެ އާއިލާތަކުން ކުރާ ޝަކުވާ ބޮޑެވެ. އެގޮތުން ލޭ ފޯރުކޮށްދޭނެ ޑޯނަރުން ހޯދަން އުދަނގޫވުމާއި، ލޭ އެޅުމުގެ ސަބަބުން ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބާވަތް މަދުކުރުމަށް ބޭނުންކުރާ ޑެސްފެރޯލާއި އެފަދަ ތަކެތި ހޯދަން އުދަނގޫވުމާއި، ރާއްޖޭގައި މިކަމަށް ދެވޭ ފަރުވާ ކުރިއަރައިގެން ނުދިއުން ހިމެނެއެވެ. އަދި މުޖުތަމައުން ތެލެސީމިޔާ ކުދިންނާމެދު ގެންގުޅޭ ތަފާތުކުރުންތަކަކީވެސް ބެލެނެވެރިން ކަންބޮޑުވާ މައްސަލައެކެވެ.

ތެލެސީމިޔާ ކުދިން އުފަންވާ ނިސްބަތް މަދުކުރުމަށްޓަކައި އަދި ތެލެސީމިޔާ ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ޔަޤީނެވެ. މިގޮތުން ހޭލުންތެރިކަމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުން އިތުރުކުރުމާއި، ތެލެސީމިޔާއަށް ދެވޭ ފަރުވާ އިތުރަށް ކުރިއަރުވަން ޖެހިފައިވާކަމީ ކޮންމެހެން ކުރަންޖެހިފައިވާ ކަންކަމެވެ.

ތެލެސީމިއާ ކުދިންނާއި މީހުންގެ ޙައްގުތައް ކަށަވަރުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މިކަމާގުޅޭ ހަރުދަނާ ޤާނޫނެއް ވުޖޫދުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.