ޚަބަރު

ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަޞްލު ޢަދަދު ތިންގުނަ އިތުރު


ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަޞްލު ޢަދަދު ތިންގުނަ އިތުރުކަމަށް ދުނިޔޭ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ބުނެފިއެވެ.

ދުނިޔޭ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ކުރި އައު ދިރާސާއަކުން ދެއްކި ގޮތުގައި 2021ވަނަ އަހަރުގެ ނިޔަލަށް ކޯވިޑް-19 ޖެހިގެން 15 މިލިޔަން މީހުން މަރުވެފައިވެއެވެ. އެއީ ޤައުމުތަކުން ޢާއްމުކޮށްފައިވާ ރަސްމީ ޢަދަދުތަކަށްވުރެ ތިންގުނަ އިތުރު ޢަދަދެކެވެ. މީގެ ކުރިން ބެލެވިފައިވަނީ ބަލިމަޑުކަމުގައި މަރުވެފައިވަނީ ފަސް މިލިޔަން މީހުންކަމަށެވެ.

ދުނިޔޭ ޞިއްޙަތާބެހޭ ޖަމުޢިއްޔާއިން ކޮށްފައިވާ ތަފްޞީލީ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ބަލިޖެހިފައިވާކަން ނޭނގި އަދި ބަލިޖެހުނު ނަމަވެސް ޞިއްޙީ ފަރުވާ ނުލިބި މަރުވާ މީހުން ގިނަ ޤައުމުތަކުން ޢާއްމުކޮށްފައިވާ ރަސްމީ ޢަދަދުތަކުގައި ހިމަނާފައެއް ނުވެއެވެ. ޚާއްޞަކޮށް ބަލީގެ ނުރައްކާތެރި ރާޅުތަކާ ކުރިމަތިލާފައިވާ ޤައުމުތަކުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް ފުރި ބަލިޖެހިގެން ފަރުވާހޯދުމަށް ދިޔަ އެތައް ބަޔަކަށް ފަރުވާނުދެވި ދޫކޮށްލަން މަޖުބޫރުވިކަމަށް އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އެ ގޮތުން ކޯވިޑް-19ގެ ކުރިންވެސް ދުނިޔޭގައި މަރުވާ ކޮންމެ 10 މީހަކުން ހަ މީހެއްގެ މަޢުލޫމާތު ރެކޯޑުނުކުރެވޭކަމަށް ޞިއްޙަތާބެހޭ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ.

1918ވަނަ އަހަރުގެ ތެރޭގައި ފެތުރެން ފެށި ސުޕެނިޝް ފުލޫ ޖެހިގެން 50 މިލިޔަން މީހުން މަރުވިކަމަށްވެއެވެ. އަދި އެޗުއައިވީ ޖެހިގެން ފާއިތުވި 40 އަހަރުދުވަހުގެ ތެރޭގައި 36 މިލިޔަން މީހުންވަނީ މަރުވެފައެވެ. އެހެންކަމުން ކޯވިޑް-19އާބެހޭ ގިނަ މަޢުލޫމާތުތަކެއް އަދިވެސް ނޭނގޭކަމަށް ދިރާސާގައި ބައިވެރިވި ތަޖުރިބާކާރުންވަނީ ފާހަގަކޮށްފައެވެ.