ޚަބަރު

ބައިނަލްއަޤުވާމީ މުޖުތަމަޢުން ޔޫކްރެއިނަށް 6.5 ބިލިޔަން ޑޮލަރުގެ އެހީއެއް


މާލީ އެހީގެ ގޮތުގައި ހަނގުރާމައިގެ ޙާލަތުގައި އޮތް ޔޫކްރެއިނަށް 6.5 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ނިންމައިފިއެވެ.

ޕޯލޭންޑާއި ސުވިޑަންނާއި ވިލާތުގެ ކޮމިޝަންނާއި ވިލާތުގެ ކައުންސިލުން އިސްނަގައިގެން ބޭއްވި ބައްދަލުވުމުގައި އިސްކަންދީފައިވަނީ ޔޫކްރެއިނަށް ކުރިމަތިވެފައިވާ އިޤުތިޞާދީ އަދި އިންސާނީ ޙާލަތުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެ ބައްދަލުވުމުގައި ފަރަންސޭސިވިލާތާއި ފިންލޭންޑާއި ކުރޮއޭޝިޔާއާއި ޗެކް ރިޕަބްލިކުފަދަ ޤައުމުތަކުންވަނި ބޮޑެތި ޢަދަދުތަކުން އެހީތެރިކަން ފޯރުކޮށްދޭން ވަޢުދުވެފައެވެ. އެ ގޮތުން ފަރަންސޭސިވިލާތުން ހުށަހެޅި އިތުރު 300 މިލިޔަން އެމެރިކާ ޑޮލަރާއެކު އެ ޤައުމުން ޖުމުލަ ދެ ބިލިޔަން އެމެރިކާ ޑޮލަރު މި އަހަރުގެ ތެރޭގައި ޔޫކްރެއިނަށް ދިނުމަށްވަނީ ނިންމައިފައެވެ. އަދި ވިލާތުގެ ކޮމިޝަނުން 210 މިލިޔަން އެމެރިކާ ޑޮލަރު ދޭނެކަންވަނީ އިޢުލާނުކޮށްފައެވެ.

ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި މާލީ އަދި އަސްކަރީ އެހީގެ ގޮތުގައި 12 ބިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވާކަމަށް ޔޫކްރެއިނުންވަނީ ބުނެފައެވެ.