ޚަބަރު

ޢިރާޤަށް ކުރިމަތިވި ހިރަފުހުގެ ތޫފާނުގެ ސަބަބުން އެތައް ހާސް ބަޔަކު ހަސްފަތާލަށް


ޢިރާޤުގެ ބޮޑު ސަރަޙައްދަކަށް ކުރިމަތިވި ހިރަފުހުގެ ތޫފާނުގެ ސަބަބުން ނޭވާލާން އުނދަގޫވި އެތައް ހާސް ބަޔަކު ހަސްފަތާލުތަކުން ފަރުވާ ހޯދައިފިއެވެ.

އިރާޤުގެ ވެރިރަށް ބަޣުދާދު ހިމެނޭހެން އެ ޤައުމުގެ ބޮޑު ސަރަޙައްދަކަށް ކުރިމަތިވި ތޫފާނުގެ ސަބަބުން ވައި ވަރަށް ބޮޑަށް ނުސާފުވެ 5،000އަށްވުރެ ގިނަ މީހުންނަށް ނޭވާލާން އުނދަގޫވެ ހަސްފަތާލުތަކުން ފަރުވާ ހޯދަންޖެހުނެވެ. ފާއިތުވި ދުވަސްތަކުގައި އިރާޤުގެ އެކި ސަރަޙައްދުތަކަށްވަނީ އާދަޔާ ޚިލާފު ގިނަ ޢަދަދެއްގެ ހިރަފުހުގެ ތޫފާނުތަކާ ކުރިމަތިލާންޖެހިފައެވެ. އޭގެ އިތުރުން ފާއިތުވި ދެ އަހަރުވެސް ޢިރާޤަށްވަނީ އާދަޔާ ޚިލާފު ހޫނުގަދަ ހޫނު މޫސުމަކާ ކުރިމަތިލާންޖެހިފައެވެ. އެ ގޮތުން ފާއިތުވި ދެ އަހަރުވެސް 50 ޑިގުރީއަށްވުރެ ހޫނުގަދަ ދުވަސްތަކަކާ އެ ޤައުމުގެ ރައްޔިތުން ކުރިމަތިލާންޖެހުނެވެ.

އދން ބުނެފައިވާ ގޮތުގައި ޢިރާޤަށް ކުރިމަތިލާންޖެހިފައިވަނީ ފާއިތުވި 40 އަހަރުގެ ތެރޭގައިވެސް ކުރިމަތިލާންނުޖެހޭވަރުގެ ހަނަފަސްކަމަކާއެވެ. އެ ގޮތުން 2020ވަނަ އަހަރާއި 2021ވަނަ އަހަރު ފާހަގަވެފައިވަނީ 1980ގެ އަހަރުތަކުގެފަހުން އެ ޤައުމަށް އެންމެ މަދުން ވާރޭވެހުނު އަހަރުތަކުގެ ގޮތުގައެވެ.