ޚަބަރު

އަނެއްކާވެސް ފަލަސްޠީނުގެ ބިންތަކެއް ފޭރިގަނެ އެތައް ސަތޭކަ ބަޔަކު މަގުމަތިކުރަނީ


ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އޮންނަ އަލް ޚަލީލު ކައިރީގައި އޮންނަ އަށް އަވަށެއް ހުސްކުރަން އިސްރާއީލުގެ ސުޕުރީމު ކޯޓުން ޙުކުމުކޮށްފިއެވެ.

އަލް ޚަލީލު ކައިރީގައި އޮންނަ 3،000 ހެކްޓަރުގެ ބޮޑު ސަރަޙައްދެއްގައި ޔަހޫދީ އިސްތިޢުމާރީ ފައުޖުތައް ތަމުރީނުކުރާ ސަރަޙައްދެއް ޤާއިމުކުރުމަށް އިސްރާއީލުގެ ސަރުކާރުންވަނީ ނިންމައިފައެވެ. ޔަހޫދީންނަށް ފައިދާވައި ގޮތަށް ސުޕުރީމު ކޯޓުން ޙުކުމުކޮށްފައިވަނީ ކޯޓަށް މައްސަލަ ހުށަހެޅިތާ 20 އަހަރުދުވަސްފަހުންނެވެ. އެ ޙުކުމުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނުގެ 1،000އަށްވުރެ ގިނަ މީހުންގެ ގެދޮރުގެއްލޭނެއެވެ.

އަލް ޚަލީލު ކައިރީގައި އޮންނަ އަވަށްތަކުގައި ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭތާވަނީ އެތައް ޒަމާނެއްވެފައެވެ. އެ ގޮތުން 1967ވަނަ އަހަރުގެ ތެރޭގައި ޢަރަބިންނާ ޔަހޫދީންނާ ދެމެދު ކުރި ހަނގުރާމާގައި އިސްރާއީލުގެ ބާރުގެ ދަށަށް ފަލަސްޠީނުގެ ހުޅަނގު އައްސޭރި ގެނައި ދުވަސްވަރުވެސް އެ ސަރަޙައްދުގައި ދިރިއުޅެނީ ފަލަސްޠީނުގެ ރައްޔިތުންނެވެ. ނަމަވެސް އިސްރާއީލުގެ ސުޕުރީމު ކޯޓުން ބުނެފައިވަނީ އެ ސަރަޙައްދުގައި ދިރިއުޅެނީ ދާޢިމީ ރަށްވެހިން ނޫންކަމަށެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރާ ޖަމާޢަތްތަކުން ބުނެފައިވަނީ ކޯޓުން ޙުކުމުކޮށްފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށްކަމަށެވެ. އަލް ޚަލީލު ކައިރީގައި އޮންނަ އަވަށްތަކުގެ އިތުރުން ހުޅަނގު އައްސޭރީގެ އެހެން ސަރަޙައްދުތަކުންވެސް ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ބޭރުކުރުމުގެ މަސައްކަތް ޔަހޫދީންވަނީ ފަށައިފައެވެ. އޭގެ ތެރޭގައި އިރުމަތީ ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންވެސް ހިމެނެއެވެ.