ޚަބަރު

ލަންކާގެ ޙާލަތު ރަނގަޅުވާން ދެ އަހަރު ނަގާނެ


ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތި ޙާލަތު ރަނގަޅުވާން ދެ އަހަރެއްހާ ދުވަސް ނަގާނެކަމަށް އެ ޤައުމުގެ މާލީ ވަޒީރު ޢަލީ ޞަބްރީ ވިދާޅުވެއްޖެއެވެ.

ސުރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ޞަބްރީ ވިދާޅުވީ އެ ޤައުމަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތު ގިނަ ރައްޔިތުންނަށް އިޙްސާސްނުވާކަމަށާއި ދެ އަހަރުގެ ތެރޭގައި ޙާލަތުން އަރައިގަނެވޭނީ މިހާރު އަޅައި ފިޔަވަޅުތަކުންކަމަށެވެ. ޞަބްރީ ފާހަގަކުރެއްވި ގޮތުގައި އެ ޤައުމުގައި ބޭނުންކުރެވޭ ބޭރު ފައިސާގެ ރިސާވުވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި އެންމެ 50 މިލިޔަން އެމެރިކާ ޑޮލަރަށް މަދުފައެވެ. އަދި ޙާލަތުން އަރައިގަތުމަށް ބައިނަލްއަޤްވާމީ މާލީ އެހީތެރިކަމަށް އެދުނު ނަމަވެސް އެހީ ލިބެން ހައެއްކަ މަސްދުވަސް ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސުރީ ލަންކާގެ އިޤްތިޞާދު ހީނަރުވި މައިގަނޑު ސަބަބަކީ ކޯވިޑް-19ގެ ސަބަބުން ދިގު މުއްދަތަކަށް އެ ޤައުމުގެ ސަރަޙައްދީ ރޮނގުތައް ބަންދުކުރުމުން އެ ޤައުމަށް ލިބެމުންދިޔަ ބޭރު ފައިސާގެ ޢަދަދު މަދުވުމެވެ. އޭގެ އިތުރުން 2019ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުގައި ނަގަމުންދިޔަ ޓެކްސް މަދުކުރުމަށް ނިންމުމުންވެސް އެ ކަމުގެ ނޭދެވޭ އަސަރު އެ ޤައުމުގެ އިޤްތިޞާދަށް ކުރިއެވެ. އެއާއެކު އެ ޤައުމުން ތެޔޮ ގަންނާނެ ފައިސާ ނެތި ދުވާލުގެ ގިނަ ވަޤުތުތަކުގައި ކަރަންޓުކަނޑަން މަޖުބޫރުވިއެވެ. އަދި ހަސްފަތާލުތަކުން ބޭސްހުސްވެ އެހެން ޤައުމުތަކުގައި ތިބި ސުރީ ލަންކާއަށް ނިޞްބަތްވާ ރައްޔިތުންގެ އެހީތެރިކަމަށް އެ ޤައުމުގެ ސަރުކާރުން ގޮވާލާފައިވެއެވެ. ސުރީ ލަންކާގެ މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި ބޭރުގެ އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނީގެ ޢަދަދު 51 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.