ޚަބަރު

އީދު ދުވަހު ހިނގި މާރާމާރީއާ ގުޅިގެން 18 އަަހަރުގެ މީހަކާއި 15 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފި


މިދިޔަ އީދު ދުވަހު ހެނދުނު މާލޭގައި ހިނގި މާރާމާރީއަކާއި ގުޅިގެން 18 އަަހަރުގެ މީހަކާއި 15 އަހަރުގެ ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

އީދު ދުވަހު މާލޭގައި ވަނީ ނުރައްކާތެރި 2 މާރާމާރީއެއް ހިންގައި، 4 މީހަކު ޒަހަމުކޮށްލައިފިއެވެ. އޭގެ ތެރެއިން އެއް މާރާމާރީ މާވެޔޮ މިސްކިތް ކައިރީގައި ހިނގާފައިވާއިރު، އަނެއް މާރާމާރީ ހިނގާފައިވަނީ ޖަނަވާރީމަގާއި މަޖީދީމަގާއި ގުޅޭ ހިސާބުގައިއެވެ.

ފުލުހުން ވިދާޅުވީ މި މާރާމާރީތަކުގެ ތެރެއިން އީދު ދުވަހު ހެނދުނު ޖަނަވާރީ މަގު، މަގީދީ މަގު ގުޅޭ ހިސާބުގައި ހިނގި މާރާމާރީއާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ/ އުނިމާގެ، ހަސަން ޒިޔަން އިބްރާހިމް (18 އަހަރު) އާއި 15 އަހަރުގެ ކުޑަ ކުއްޖެއްކަމަށެވެ.

ފުލުހުން ވިދާޅުވީ މީގެތެރެއިން ހަސަން ޒިޔަން އިބްރާހިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާކަމަށެވެ. އަދި 15 އަހަރުގެ ކުއްޖާ ޖުވެނައިލް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި 2 މީހުންގެ އިތުރުން މި މައްސަލައިގައި ހިމެނޭ 7 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިމައްސަލައާއި ގުޅިގެން ހޯދަމުންދާ މީހުން

ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)
ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްޙާޒު (22އ)
ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ)
ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)
ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)
ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު (20އ)
ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ)

ފުލުހުން ވިދާޅުވީ މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.

ފާއިތުވީ ދުވަސްތަކަށް ބަލާއިރު މާލެއާއި ހުޅުމާލޭ ސަރަޙައްދުގައި ވަޅިން ހަމަލާދިނުމާއި މާރާމާރީ ހިންގުން ވަނީ އިތުރުވެފައެވެ. މިކަމާއި ގުޅިގެން ފުލުހުން އަންނަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މީހުން އާންމުގޮތެއްގައި އެއްވާ ސަރަޙައްދުތައް މޮނިޓާކޮށް ބެލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.