ކުޅިވަރު

ވެލެންސިއާ ބަލިކޮށް ސަސް ތާވަލުގެ ކުރިއަށް


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާ ބަލިކޮށް ތާވަލުގެ ކުރިއަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ޖެހިލައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗު ސަސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ސަސްއިން ވަނީ ފުލުފުލުގައި ވެލެންސިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި އިބްރާހީމް އަތީގު ހަސަން (އިއްބެ) އަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައިވާއިރު، އޭގެ މިނެޓެއް ފަހުން ސަސްގެ އަލީ ނަސޫހް ރަޝީދު (ޕިލާ) އަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 40 ވަނަ މިނެޓުގައިވެސް ސަސްގެ އިއްބެއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ އިއްބެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އަދި އޭގެ ފަހުން ވެލެންސިއާގެ އިސްމާއީލް އީސަ (މެސީ) އަށް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފު ފަށައިގެންވެސް ސަސްއިން ވަނީ ވެލެންސިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 49 ވަނަ މިނެޓުގައި ނަސޫހް ފޮނުވާލި ނުރައްކާތެރި ހަމަލާ ވެލެންސިއާގެ އިތުބާރު ގޯލްކީޕަރު މުޙައްމަދު ފައިސަލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި ސަސްއިން ލީޑު ނަގާފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނަސޫހެވެ. އަދި އޭގެ ފަހުން މެޗުގެ 84 ވަނަ މިނެޓުގައި ސަސްއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ނަސޫހެވެ.

މި މެޗުގެ 90 ވަނަ މިނެޓުގައި ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އަށް ވަނީ ފަރަގު ކުޑަކުރަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ސަސްގެ ގޯލްކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވަނީ ދިފާއުކޮށްފައެވެ.

މި ނަތީޖާއާއެކު ސަސް ވަނީ ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ހަތަރުވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ އެއްވަރަށް ޕޮއިންޓް ހޯދައި، ލަނޑުގެ ތަފާތުންވެސް އެއްވަރުވެގެންނެވެ. ސަސް އާއި ޔޫވީއަށް ވަނީ 14 ޕޮއިންޓް ލިބިފައެވެ. ސަސްއިން 11 މެޗު ކުުޅުނުއިރު، ޔުނައިޓެޑް ވިކްޓްރީ ކުޅުނީ 10 މެޗެވެ.

މީގެ އިތުރުން ސަސް އަތުން ބަލިވި ވެލެންސިއާ އޮތީ ތާވަލުގެ ފަސްވަނައިގައި 11 މެޗުން 13 ޕޮއިންޓާއެކުއެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުންވެސް ވެލެންސިއާ މޮޅުވެފައެއް ނުވެއެވެ.