ވިޔަފާރި

އދ.ގައި ބޭއްވި ފަތުރުވެރިކަމުގެ ބަހުސްގައި ރާއްޖޭގެ ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާޙު!


ފަތުރުވެރިކަމާ ގުޅޭގޮތުން އދ.ގެ ޢާންމު މަޖިލީހުގައި ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ރައީސް އަދި ރާއްޖޭގެ ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާހް ތަޤްރީރު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ޖަނާހް ބައިވެރިވެވަޑައިގެންފައިވަނީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން، (އިފޮޕްކާ)ގެ ރައީސްގެ ހައިސިއްޔަތުންނެވެ.

މި ބަހުސްގައި ޖަނާހް ވަނީ ޢިމާރާތްކުރުމުގެ ސިނާއަތުގައި ޓެކްނޮލޮޖީ އިސްކުރުމާއި، ވޭސްޓް މަދުކުރުމަށް ގޮވާލައްވާފައެވެ. އަދި ފަތުރުވެރިކަމަކީ ރާއްޖޭގެ މައިގަނޑު ސިނާއަތަށް ވީކަމުގައި ވިއަސް ހުރިހައި ސިނާއަތެއް ގުޅިފައިވާގޮތެއްގައި އިޤްތިޞާދު ބިނާކުރުމުގެ މުހިންމުކަން އޭނާވަނީ ފާހަގަކުރައްވާފައެވެ.

މި ބަހުސްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދެއްވީތީ ޖަނާހު ވަނީ އދ.ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، އދ.ގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބަހުސް ބާއްވާފައިވަނީ "ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ"މި މަޢުޟޫއަށެވެ. މި ބަހުސް އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމްޢިއްޔާ (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އާ ގުޅިގެން އދ.ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުالله ޝާހިދު އިންތިޒާމު ކުރެއްވި ބަހުސެކެވެ.