ޚަބަރު

ނައިބްރައީސް އދ.ގެ ޢާންމު މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އދ.ގެ 76ވަނަ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ނިއުޔޯކް ސިޓީގައި ހުންނަ އދ.ގެ މައި މަރުކަޒުގައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "ޕުޓިންގ ސަސްޓެއިނަބަލް އެންޑް ރެޒިލިއެންޓް ޓޫރިޒަމް އެޓް ދި ހާޓް އޮފް އެން އިންކްލޫސިވް ރިކަވަރީ" މަޢުޟޫއަށް އދ.ގެ ޢާންމު މަޖިލީހުގައި މިއަދު ކުރިޔަށްގެންދާ މަތީ ފެންވަރުގެ ބަހުސްގައި ތަޤްރީރު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޢަބްދުﷲ ޝާހިދު އދ. ގެ 76ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ، އެމަނިކުފާނުގެ އުންމީދީ ރިޔާސަތުގެ ދަށުން އަންހެނުންނަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދެއްވުމަށާ، ޒުވާނުންގެ ކުރިއެރުމަށް ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ނަިއބްރައީސް ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުން އަރައިގަތުމާ ގުޅޭގޮތުން އދ. ގެ ޢާންމު މަޖިލީހުގެ ރައީސް ، ކުރައްވާ މަސައްކަތްތަކާއި، ނާޒުކު ޙާލަތްތަކުގައިވާ ޤައުމުތަކަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ޙައިސިއްޔަތުން ޢަބްދުﷲ ޝާހިދު ރާއްޖެއަށް ހޯއްދަވައިދެއްވާ ފުރުޞަތުތަކާއި އިންވެސްޓްމަންޓްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އދ.ގެ 76ވަނަ ޢާންމު މަޖިލީހުގެ ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރާއްޖޭގެ ފަރާތުން ފަތުރުވެރިކަމާ ގުޅޭގޮތުން އދ.ގެ ޢާންމު މަޖިލީހުގައި ތަޤްރީރުކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ. އަދި، ޢަބްދުﷲ ޝާހިދު ވަނީ އެމަނިކުފާނަށް އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަން އަދާކުރެއްވުމަަށް މަގުފަހިވީ ރައީސް ޞާލިޙްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުންކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި މަތީ ފަންތީގެ ވަފްދެއް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.