ކުޅިވަރު

މި ސީޒަނަށްފަހު ޔުނައިޓެޑް ދޫކޮށްލުމަށް ލިންގާޑް ނިންމައިފި


މި ސީޒަން ނިމުމުން މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލަން އެ ޓީމަށް ކުޅެމުން އަންނަ ޖެސީ ލިންގާޑް ނިންމައިފިއެވެ.

ލިންގާރޑް ޔުނައިޓެޑް ދޫކޮށްލަން ނިންމާފައިވަނީ އޭނާ ހާމަކުރާގޮތުގައި މިސީޒަންގައި އޭނާ އާއި ދޭތެރޭ ކްލަބުން ކަންތައްކުރި ގޮތާއި މެދު ހިތްހަމަ ނުޖެހިގެންނެވެ.

ލިންގާރޑް ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން މިސީޒަނާއި އެކު ނިމޭނެއެވެ. އަދި އޭނާ ހޯދުމަށް މިހާރުވެސް އަންނަނީ ނިއުކާސަލް ޔުނައިޓެޑް، އޭސީ މިލާން، ޔުވެންޓަސް އަދި ޕީއެސްޖީން މަސައްކަތް ކުރަމުންނެވެ. މައުލޫމާތު ލިބޭގޮތުގައި ޔުނައިޓެޑައި މިއަންނަ ސީޒަންގައި ހަވާލުވާ އާ ކޯޗް އެރިކް ޓެން ހާގް ލިންގަރޑްއާއި ވާހަކަ ދައްކަން ބޭނުންކަން ހާމަވެފައިވީ ނަމަވެސް، ލިންގާރޑްގެ އެކަމަކަށް މާބޮޑު ޝައުގުވެރިކަމެއް ނެތެވެ.

ލިންގާރޑް ހޯދުމަށް އެންމެފަހު ދެ ޓްރާންސްފަރ ފުރުސަތުގައިވެސް ބައެއް ކްލަބްތަކުން ހުށަހެޅުންތައް އައިސްފައިވެއެވެ. ނަމަވެސް ޔުނައިޓެޑުންވަނީ ޕްރިމިއަރ ލިގުގެ ގަދަ ހަތަރު ޓީމްގެ ތެރެއިން ކްލަބަކަށް އޭނާ ވިއްކާލަން ދެކޮޅު ހަދާފައެވެ. އަދި އޭނާއަށް ފުރަތަމަ އެގާރައިން ޖާގަހޯދުމުގެ ފުރުސަތު ދޭނެކަމަށް އެންމެފަހު ދެކޯޗުން ހާމަކުރި ނަމަވެސް އެކަން އޭނާއަށް އެންމެ ރަނގަޅަށް އެފުރުސަތު ތަނަވަސްކޮށްދީފައެއް ނުވެއެވެ.

އަދި މިސީޒަންގައި ޔުނައިޓެޑްގެ ދަނޑު ކަމަށްވާ އޯލްޑް ޓްރެފަޑްގައި ކުޅުނު އެންމެ ފަހު މެޗްގައި ލިންގާރޑްއަށް ކްލަބްގެ ސްޕޯޓަރުންނަށް އަލްވަދާއު ކިޔުމުގެ ފުރުސަތު ދީފައިނުވާތީ އޭނާގެ ކޮއްކޮ ސޯޝަލް މީޑިއާގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ. މިގޮތުން އޭނާގެ ކޮއްކޮ ހާމަކުރިގޮތުގައި 20 އަހަރު ވަންދެން ކަށިން ހިތްވަރު ނެރިގެން ހިދުމަތް ދިން ކްލަބަށް ސްޕޯޓަރުންނަށް އަލްވަދާއު ކިޔާލުމުގެ ފުރުސަތު ދޭންވެސް ނުކެރުނު ކަމަށެވެ.

ލިންގާރޑް ގަބޫލް ކުރާގޮތުގައި ކުރިއަށް އޮތް ވާރލްޑް ކަޕުން ޖާގައެއް ހޯދޭނީ ކްލަބް ބަދަލުވެ ރަނގަޅަށް އަނެއްކާވެސް ކުޅެގެންނެވެ. ލިންގާރޑަށް އިންގްލަންޑް ޓީމުން ފުރުސަތު އެންމެ ރަނގަޅަށް ލިބިގެން ގޮސްފައިވަނީ ވެސްޓް ހޭމްއަށް ލޯން އެއްބަސްވުމެްގެ ދަށުން ކުޅުނު އިރުއެވެ.