ޚަބަރު

ޔޫކްރެއިނުގެ ހަނގުރާމައަށް ބެލަރޫސް ވަދެދާނެކަމަށް ބެލެވެން ފަށައިފި


ރަޝިޔާއާއި ބައިވެރިވެ ބެލަރޫސުންވެސް ޔޫކްރެއިނަށް ޙަމަލާދީފާނެ ޙާލަތަކަށް ތައްޔާރުވަމުންދާކަމަށް އެ ޤައުމުން ބުނެފިއެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ތިން ދިމާލަކުން ޔޫކްރެއިނަށް ޙަމަލާދިނުމަށް ރަޝިޔާއިންވަނީ ބެލަރޫސްގެ ސަރަޙައްދު ބޭނުންކޮށްފައެވެ. އެ ގޮތުން ޔޫކްރެއިނުގެ ވެރިރަށް ކިޔޭވަށް ޙަމަލާދިނުމަށް އެ ޤައުމުގެ އުތުރުގެ ސަރަޙައްދުތަކަށް ރަޝިޔާގެ ބިޔަ ލަޝްކަރުތައް ވަދެފައިވަނީ ބެލަރޫސްގެ ސަރަޙައްދީ ރޮނގު ހުރަސްކޮށްފައެވެ. ނަމަވެސް ގާތްގަނޑަކަށް ދެ މަސްދުވަހަށްފަހު އެ ލަޝްކަރުތައްވަނީ އެ ސަރަޙައްދުން ފަހަތަށް ޖެހިފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން ރަޝިޔާއާއެކު ބެލަރޫސުންވަނީ ވަރުގަދަ އަސްކަރީ ތަމުރީނުތަކެއް ބާއްވައިފައެވެ. ނަމަވެސް އެ ޤައުމުން ބުނެފައިވަނީ ހަނގުރާމާގައި ޢަމަލީގޮތުން ބައިވެރިނުވާނެކަމަށެވެ.

ޔޫކްރެއިނުގެ ހަނގުރާމައަށް 10 ހަފުތާ ފުރެން ކައިރިވެފައިވަނިކޮށް ބެލަރޫސުންވަނީ ފުޅާ ދާއިރާއެއްގެ އަސްކަރީ ތަމުރީނުތަކެއް ފަށައިފައެވެ. ނަމަވެސް ބެލަރޫސުން މި ފަހަރުވެސް ބުނެފައިވަނީ ޔޫކްރެއިނަށް ޙަމަލާދިނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށާއި ތަމުރީނުތަކުގެ ބޭނުމަކީ އެ ޤައުމުގެ އަސްކަރީ ފައުޖުތަކުގެ ފެންވަރު ދެނެގަތުންކަމަށެވެ. ތާރީޚީ ގޮތުންނާއި ނަޞްލީ ގޮތުން ރަޝިޔާއާ ޒަމާންވީ ގުޅުމެއް އޮންނަ ބެލަރޫސަކީ ދުނިޔޭގެ 52އަށް އެންމެ ބާރުގަދަ އަސްކަރިއްޔާ އޮންނަ ޤައުމެވެ.

ޔޫކްރެއިނުން ބުނެފައިވަނީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ޤައުމާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ އިޢުލާނުކޮށް ބެލަރޫސުންވެސް ހަނގުރާމައިގެ ބައިވެރިވުމަށް ބާރުއަޅާފާނެކަމަށް ބެލެވޭކަމަށެވެ. ނަމަވެސް ރަޝީޔާއިން ބުނެފައިވަނީ އެ ޤައުމުން ޔޫކްރެއިނުގައި ކުރިޔަށްގެންދަނީ ޚާއްޞަ އަސްކަރީ ޙަރަކާތްތަކެއްކަމަށާއި އެ ޤައުމާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކުރުމުގެ ވިސްނުމެއް ނެތްކަމަށެވެ. އޭގެ އިތުރުން ވިލާތުގެ އިއްތިޙާދުގެ މެންބަރު ޤައުމެއްކަމަށްވާ މޮލްޑޯވާގައި ޙަރަކާތްތެރިވާ ރަޝިޔާއަށް ތާޢީދުކުރައި ޖަމާޢަތްތަކުން ޔޫކްރެއިނުގެ ހުޅަނގުގެ ސަރަޙައްދުތަކަށް ޙަމަލާދިނުމަށްފަހު ހަނގުރާމައިގެ އައު ދޮރެއް ހުޅުވަން މަސައްކަތްކުރާކަމަށްވަނީ ބެލެވިފައެވެ.