ޚަބަރު

އުތުރު ކޮރެޔާއިން މިސައިލް ތަޖުރިބާކުރުމަށް ހުއްޓުމެއްނެތް


އުތުރު ކޮރެޔާއިން އަނެއްކާވެސް ބެލިސްޓިކް މިސައިލެއް ތަޖުރިބާކޮށްފިއެވެ. އެއީ މި އަހަރު ފެށުނުފަހުން އެ ޤައުމުން ތަޖުރިބާކުރި 14 މިސައިލެވެ.

އުތުރު ކޮރެޔާއިން އައު މިސައިލެއް ތަޖުރިބާކޮށްފައިވަނީ ވާދަވެރި ދެކުނު ކޮރެޔާގެ ރައީސްގެ މަޤާމާ އައު ބޭފުޅެއް ވަޑައިގަންނަވަން ހަފުތާއަކަށްވެފައިވަނިކޮށެވެ. އުތުރު ކޮރެޔާއިންވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިންވެސް މިސައިލެއް ތަޖުރިބާކޮށްފައެވެ. އެ ފަހަރު އެ ޤައުމުން ތަޖުރިބާކުރި ޒަމާނީ މިސައިލަކީ ނިޔުކްލިޔަރ ހަތިޔާރާއެކު އެއް ބަރުން އަނެއް ބައްރަށް ވާޞިލުވުމުގެ ޤާބިލުކަން ލިބިފައިވާ މިސައިލެކެވެ.

އުތުރު ކޮރެޔާއިން އެންމެފަހުން ތަޖުރިބާކުރި މިސައިލާ ގުޅޭގޮތުން ދެކުނު ކޮރެޔާއިން ބުނެފައިވާ ގޮތުގައި އެ މިސައިލުވަނީ 780 ކިލޯމީޓަރު އުހުން 470 ކިލޯމީޓަރު ދުރަށް އުދުހިފައެވެ. އަދި އެއީ ސަރަހައްދީ ހަމަޖެހުމަށާއި ދުނިޔޭގެ ޞުލްޙައަށް ހުރަސްއެޅޭނެފަދަ ޢަމަލެއްގެ ގޮތުގައި ދެކުނު ކޮރެޔާއިންވަނީ ސިފަކޮށްފައެވެ. އަވަށްޓެރި ޖަޕާނުން ބުނެފައިވަނީ އުތުރު ކޮރެޔާއިން އެންމެފަހުން ތަޖުރިބާކުރި މިސައިލާބެހޭ އިތުރު ތަފްޞީލު ހޯދަމުންދާކަމަށެވެ. އެމެރިކާއިން ބުނެފައިވަނީ އުތުރު ކޮރެޔާއިން މަސައްކަތްކުރަނީ ސަރަޙައްދީ ޤައުމުތަކަށް ބިރުދައްކަންކަމަށާއި އެފަދަ ޢަމަލުތައް ހުއްޓާލަންޖެހޭކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި އުތުރު ކޮރެޔާއިންވަނީ ބާރުގަދަ މިސައިލުތަކެއް ތަޖުރިބާކޮށްފައެވެ. އޭގެ ތެރެއިން އެއް މިސައިލުވަނީ 6،200 ކިލޯމީޓަރުމަތިން 1،080 ކިލޯމީޓަރު ދުރަށް 71 މިނެޓުވަންދެން އުދުހިފައެވެ. އެއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި އުތުރު ކޮރެޔާއިން ތަޖުރިބާކުރި ދުރު ރާސްތާގެ ފުރަތަމަ މިސައިލެވެ. އޭގެ އިތުރުން އުތުރު ކޮރެޔާއިންވަނީ އެ ޤައުމުގެ އަސްކަރީ އަދި ނިޔުކްލިޔަރ ޤާބިލުކަން އިތުރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް އިޢުލާންކޮށްފައެވެ.