ޚަބަރު

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޗައިނާގެ ވެރިރަށް ހުއްޓުމަކަށް


ޗައިނާގެ ވެރިރަށް ބެއިޖިންގުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ރަށް ހުއްޓުމަކަށް އަތުވެއްޖެއެވެ.

22 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބެއިޖިންގުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން އެ ރަށުގެ ޢާއްމު ދަތުރުފަތުރުކުރުމުގެ ޚިދުމަތްތައްވަނީ ހުއްޓުމަކަށް ގެނެސްފައެވެ. އަދި ބެއިޖިންގުގެ މަދަރުސާތަކާއި ކައިބޮއިހަދާ ތަންތަންތަނާއި ކަަސްރަތުކުރައި ތަންތަނާއި މުނިފޫހިފިލުވައި މަރުކަޒުތައްވަނީ މުއްދަތެއް ނެތްގޮތަށް ބަންދުކުރަން އަންގައިފައެވެ. އޭގެ އިތުރުން ބެއިޖިންގުގައި ދިރިއުޅޭ އެންމެން ބައްޔަށް ތަޙުލީލުކުރަންވަނީ ފަށައިފައެވެ. އެ ގޮތުން ފާއިތުވި ދުވަސްތަކުގެ ތެރޭގައި ބެއިޖިންގުގެ 16 ޑިސްޓުރިކްޓެއްގެ ތެރެއިން 12 ޑިސްޓުރިކްޓުގައި ދިރިއުޅޭ އެންމެންވަނީ ދެ ފަހަރެއްގެމަތިން ބައްޔަށް ތަޙުލީލުކޮށްފައެވެ.

ބެއިޖިންގުގެ އިތުރުން 12.6 މިލިޔަން މީހުން ދިރިއުޅޭ ޒެންގުޒޫގައިވެސްވަނީ ކޯވިޑް-19އާ ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ގޮތުން އެ ރަށުގެ ސަރުކާރުގެ އަދި އަމިއްލަ އިދާރާތައްވަނީ ބަންދުކޮށްފައެވެ. ފާއިތުވި ދުވަސްތަކުގެ ތެރޭގައި ކޯވިޑް-19ގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވި ޗައިނާގެ ވިޔަފާރީގެ މައިރަށްކަމަށްވާ ޝަންހާއީ އަދިވެސް އޮތީ ފުރަބަންދުކޮށްފައެވެ. އެ ނިންމުމުގެ އަސަރުވަނީ ބައިނަލްއަޤްވާމީ ވިޔަފާރިއަށްވެސްކޮށްފައެވެ.

ކޯވިޑް-19އާ ދެކޮޅަށް ޗައިނާއިން ޢަމަލުކުރުމަށް އެ ޤައުމުގެ ސަރުކާރުން ގެންގުޅެނީ ވަރަށް ހަރުކަށި އުޞޫލުތަކެކެވެ. އެ ގޮތުން އެ ޤައުމުގެ އެއްވެސް ސަރަޙައްދަކުން ބަލިޖެހިފައިވާ މީހެއް ފެނިއްޖެނަމަ އެ ސަރަޙައްދު ފުރަބަންދުކޮށް އެންމެން ބައްޔަށް ތަޙުލީލުކުރުން ހިމެނެއެވެ. އެ ގޮތުން މިހާރުވެސް ޗައިނާގެ 46 ރަށެއް އޮތީ ފުރަބަންދުކޮށްފައެވެ. އޭގެ އަސަރު 343 މިލިޔަން މީހުންނަށް ކުރާނެއެވެ. ބަލިމަޑުކަމާ ދެކޮޅަށް ޗައިނާގައި އަޅަމުންދާ ހަރުކަށި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢާއްމުންވަނީ ދެކޮޅުވެރިކަން ދައްކައިފައެވެ. އެއީ ޗައިނާއިން ޢާއްމުކޮށް ފެންނަ މަންޒަރެއް ނޫނެވެ.