ޚަބަރު

ލަންކާގެ ބަޖެޓަށް ބަދަލު ގެނެސް ވޯލްޑު ބޭންކުން އިތުރު އެހީއަށް އެދެނީ


ސުރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތަކަށް ޙައްލެއް ގެނައުމަށް އެ ޤައުމުގެ އަހަރީ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ސުރީ ލަންކާގެ މާލީ ވަޒީރު ޢަލީ ޞަބްރީ ވިދާޅުވި ގޮތުގައި އެ ޤައުމުގައި އެންމެފަހުން ފާސްކޮށްފައިވަނީ ދެކޮޅުޖެހޭ ބަޖެޓެއް ނޫނެވެ. އަދި ޤައުމަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތުން އަރައިގަންނަން ބޭނުންނަމަ ބަޖެޓަށް ބަދަލުތަކެއް ގެނައުން ނޫން ގޮތެއް ނެތްކަމަށް ޞަބްރީ ވިދާޅުވިއެވެ. އޭގެ އިތުރުން ޓެކްސުން ލިބޭ އާމުދަނީ ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި %8.7ން %14އަށް އިތުރުކުރުމަށްވެސް އޭނާވަނީ ހުށަހަޅުއްވައިފައެވެ.

ސުރީ ލަންކާއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި ތެޔޮ އެތެރެނުކުރެވި އެ ޤައުމުގެ 22 މިލިޔަން މީހުންގެ އާބާދީއަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހުމުން އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ހުއްޓާނުލައި ކުރަމުންދާ މުޒާހަރާތައްވަނީ ތިން ހަފުތާއަށް ދިގުލައިގެން ގޮސްފައެވެ. ސުރީ ލަންކާގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް އެ ޤައުމުގެ ސަރުކާރުންވަނީ ވޯލްޑު ބޭންކުން 700 މިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ހުށަހަޅަން ނިންމައިފައެވެ. އޭގެ އިތުރުން ސުރީ ލަންކާގެ މާލީ ނިޒާމު ހަރުދަނާކޮށް އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާއިންވެސް އެހީތެރިކަން ހޯދުމަށް އެ ޤައުމުންވަނީ މަސައްކަތް ފަށައިފައެވެ. އަދި ބޭރުގެ އެކި ފަރާތްތަކަށް ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އެތައް ބިލިޔަން އެމެރިކާ ޑޮލަރެއް ދިގު މުއްދަތަކަށް ބަހާލައިގެން ދެއްކޭނެ ގޮތްތަކެއް ހޯދުމަށް އިޤްތިޞާދީ އަދި ޤާނޫނީ މުޝީރުންގެ ޓީމެއް އެކުލަވާލުމަށްވެސް އެ ޤައުމުންވަނީ ނިންމައިފައެވެ.