ޚަބަރު

ކަރަންޓު ބިލު ނުދެއްކިގެން އަރާ ޖޫރިމަނާ މާފު ކުރެވޭނެ އުސޫލެއް ޤާއިމްކުރަނީ


ކަރަންޓު ބިލު ނުދެއްކިގެން ޖޫރިމަނާގެ ގޮތުގައި ދައްކާ ފައިސާ މާފު ކުރެވޭނެ އުސޫލެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް މިހެން ވިދާޅުވީ ބައެއް މީޑިއާތަކުގައި ވާހަކަދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ބިލު ދައްކަންޖެހޭ މީހާގެ ބާރުގެ ދަށުގައި ނެތްކަމެއް ދިމާވެގެން ނުވަތަ އޭނާއަށް ނޭނގި އޮތްކަމެއް ދިމާވެގެން ބިލުގެ ޖޫރިމަނާ އަރާކަމުގައި ވަންޏާ އެޖޫރިމަނާ މާފް ކުރެވޭނެ އުސޫލުތަކެއް މިހާތަނަށް ހެދިފައި ނުވާކަމަށެވެ. އެގޮތުން، ރައްޔޮތުންނާ ގުޅިފައި ހުރި ކަންކަމުގައި މީގެ ކުރިން ހަދާފައި ހުރި ބައެއް އުސޫލުތައް އެހާ ހަރުދަނާ ގޮތެއްގައި ހެދިފައި ނެތްކަން ފާހަގަ ކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ބައެއް އުސޫލުތައް ހަދައި، ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާ، އެގޮތުން ބިލު ނުދެއްކިގެން އަރާ ޖޫރިމަނާ މާފްކުރެވޭނެ އުސޫލެއް ގާއިމުކުރުމަށް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

"ގެއެއް ކުއްޔަށް ދީފައި ހުންނަ އިރު، ކުއްޔަށް ހިފާ މީހާ ބިލު ނުދައްކައިގެން ޖޫރިމަނާ އަރާފައިވާކަން ގޭގެ ވެރިމީހާއަށް ނޭނގިދާނެ. އަދި ކުއްލިއަކަށް އެ މީހާ ގެ ދޫކޮށްލާފައި ދާއިރު، ޖޫރިމަނާއަށް އަރާ ފައިސާ ދައްކަން ޖެހެނީ ގޭގެ ވެރިމިހާއަށް. އެފަދަ ހާލަތްތަކުގައި ޖޫރިމަނާގެ ފައިސާ ވެގެންދަނީ އެ މީހުންނަށް ލިބޭ އިތުރު ތަކުލީފަކަށް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެ ކުންފުނީގެ ކަންކަން ދިރާސާކޮށް، ރަނގަޅުކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ބެލި ބެލުމުން ބައެއް ކަންކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ޙިދުމަތްތަކަށް އެދުމަށް މިހާރު ބޭނުންކުރާ ފޯމު ތަކަކީ ވަރަށް ކުރިއްސުރެ ބޭނުންކުރަމުން އަންނަ ފޯމުތަކެއް ކަމަށެވެ. އަދި އެ ފޯމުތައް ހުރީ ޒަމާނާ ގުޅޭ ގޮތަކަށް ނޫން ކަމަށާއި އެހެންކަމުން އެ ފޯމުތައް ޒަމާނާ ގުޅޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުންފުނީގެ މެނޭޖްމެންޓަށް ގެނައި ބަދަލުތަކާއިއެކު ކުންފުންޏަށް އިތުރު ދެ ޑިޕާޓްމެންޓް އިތުރުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައަށް ހާއްސަ ޑިޕާޓްމެންޓެއް އުފައްދާފައިވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.