އިންޑިއާގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރެވޭ އެންމެ ބޮޑު ހެރިޓޭޖް މަސައްކަތަކީ މާލޭ ހުކުރު މިސްކިތުގެ އާބަތުރަ ފިލުވުމުގެ މަސައްކަތް ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އާސާރީ ތަންތަން ހިމާޔަތް ކުރުމުގެ މަސައްކަތަކީ ޒާމާނުއްސުރެން ކުރަމުން އަންނަ މަސައްކަތްތަކެކެވެ. އެގޮތުން އެކި ޒަމާނަށް ނިސްބަތްވާ އާސާރުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ޒަމާނުއްސުރެ ކުރެވެމުން އައީ ވެސް އަދި މިހާރުވެސް ކުރެވެމުންދަނީ އަވައްޓެރި ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުގެ އެހީގައި ކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ.
އެގޮތުން އަވަށްޓެރި އިންޑިޔާގެ އެހީގައި ނިމިދިޔަ އެކި ސަރުކާރުތަކުގައިވެސް މިމަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިހާރު އިންޑިޔާގެ މާލީއެހީގައި ކުރެވެމުންދާ މިފަދަ އެއް މަސައްކަތަކީ ލަންދޫ އާސާރީ ސަރަހައްދު ޙިމާޔަތްކޮށް ތަރައްޤީ ކުރުމުގެ މަސައްކަތެވެ. މިކަން ފާހަގަކުރައްވައި މިނިސްޓަރ ޔުމްނާ ވިދާޅުވީ ލަންދޫ މާބުދުގެ ނުވަތަ މާބަދިގެ ސަރަހައްދުގައި އިންޑިޔާގެ އެހީގައި ތަރައްޤީ ކުރަމުންދަނީ ދާރުލްއާސާރަކާއި ޚާއްސަ ފިހާރައަކާއި ކެފޭއެއް ކަމަށެވެ. މިގޮތަށް މިތަން ތަރައްޤީކުރަމުންދަނީ ލޯކަލް ޓޫރިޒަމް ފުޅާކުރުމުގެގޮތުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި ހުރި ބުދުދީނުގެ އާސާރުތައް އިންޑިއާގެ އެހީގައި މަރާމާތުކުރަން އުޅޭ ކަމަށް ބައެއް ނޫސްތަކުން ފަތުރާ ވާހަކަތަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން މިނިސްޓަރ ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޙަގީގަތް އޮޅޭ ގޮތަށް ނޫސްތަކުން ޚަބަރު ގެނައުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫންކަމަށެވެ.