މެންޗެސްޓާ ޔުނައިޓެޑަށް އަންނަ ސީޒަނަކީ ރަނގަޅު އަދި ކާމިޔާބު ސީޒަނަކަށް ވެގެންދާނެ ކަމަށް އެ ޓީމުގެ ޑިފެންޑަރު ރަފައެލް ވަރާން ބުނެފިއެވެ.
މިސީޒަންގައި ޔުނައިޓެޑް މިވަގުތު އޮތީ ތާވަލްގެ ހަވަނައިގައެވެ. އަދި މިއަންނަ ސީޒަންގައި ޔުއެފާ ޗެމްޕިއަންސް ލިގުން ޖާގަ ލިބޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ.
ވަރާން ހާމަކުރި ގޮތުގައި މިސީޒަންގައި ޔުނައިޓެޑަށް ނެރެވިފައިވާ ނަތީޖާ ތަކަކީ އެންމެ ހިތްހަމަ ޖެހޭ ނަތީޖާތަކަެއް ނޫން ކަމަށާއި އަދި ޓީމް ވަގުތު އޮތީ އޮންނަން ބޭނުންވާ ހިސާބުގައިވެސް ނޫންކަމަށެވެ. ނަމަވެސް މިއަންނަ ސީޒަންގައި ޔުނައިޓެޑްގެ ކުޅުން ރަނގަޅުވެ ނަތީޖާތައްވެސް ރަނގަޅު ވެގެންދާނެކަމަށް އުންމީދު ކުރާކަމަށް އޭނާ ހާމަކުރިއެވެ.
މިއަންނަ ސީޒަންގައި ޔުނައިޓެޑްގެ ކޯޗް ކަމާއި އަޔެކްސްގެ މިހާރުގެ ކޯޗް އެރިކް ޓެން ހާގް ހަވާލުވާނެކަންވަނީ އިއުލާންކޮށްފައެވެ. ވެރާން ބުނީ އޭނާ ރެއާލް މެޑްރިޑަށް ކުޅުނު އިރު ޓެން ހާގްގެ އިރުޝަދުގެ ދަށުން ކުޅުނު އަޔެކްސް ޓީމާއި 2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލިގުގައި ކުޅެ ބަލިވި ކަމަށެވެ. އަދި އެ މެޗްގައި އަޔެކްސް މޮޅު ކުޅުމެއް ދެއްކި ކަމަށެވެ. އެހެންކަމުން އާ ކޯޗާއެކު މަސައްކަތް ކުރުމަށް ވަރަށް ބޭނުންވެފައިހުރިކަމަށް ވެރާން ވަނީ ބުނެފައެވެ. އަދި ޓެން ހާގަކީ ތަޖުރިބާހުރި ޔުނައިޓެޑް ރަނގަޅު މިސްރާބަކަށް އެޅުވުމަށް ރަނގަޅު ކޯޗެއްކަމަށްވެސް ބުންޏެވެ.
ވެރާން ހާމަކުރިގޮތުގައި މިވަގުތު ޔުނައިޓެޑަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މެޗްތަކުގައި އެއްވަރެއްގައި ކުޅުން ހިފަހައްޓާ ނުލެވުމެވެ. އެގޮތުން މެޗްތަކުގައި ވިހި ތިރީހަކަށް މިނެޓް ވަރަށް ރަނގަޅަށް ކުޅެފައި އަނެއް ދިހަ ފަނަރަ މިނެޓް ގޯސްކޮށް ކުޅެފާނެކަށާއި، އެގޮތަށް ކުޅުމުގެ ސަބަބުން ގިނަ ޕޮއިންޓް ތަކެއް މިސީޒަންގައި ގެއްލިފައިވާކަމަށް އޭނާ ހަމަކުރިއެވެ. އެހެންކަމުން ޓެން ހާގްއަށް ޖެހޭނެ އެންމެ ފުރަތަމަ މަސައްކަތަކަށް ވެގެންދާނީ ޓީމް އެއްފެންވަރެއްގައި މުޅި މެޗް ކުޅުވާނެ ގޮތެއް ހޯދުން ކަމަށާއި، އަދި އެކަމަކީ ހުރިހާ ކުޅުންތެރިން ގުޅިގެން ކުރެވިދާނެކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.